31 Jan 2015, 16:18
ރަޝާގެ އެކަޑަމިކް ލައިބްރަރީއެއްގައި އަލިފާން ރޯވެ، އެތައް ބައިވަރު ތާރީހީ ލިޔުންތަކެއެއް އަނދައިފި އެވެ.
ރަޝާ ޓްޑޭ އިން މިއަދު ބުނީ އަލިފާން ނިއްވާ މީހުންނަށް ލައިބްރަރީގައި ރޯވި އަލިފާން ނިއްވާލެމުގެ ކުރީން އިމާރާތުގެ ފުރާޅުވެއްޓިފައިވާ ކަމަށެވެ.
މޮސްކޯގައި ހުންނަ އެކަޑަމިކް އިންސިޓިއުޓް އޮފް ސައިންޓިފިކް އިންފޮމޭޝަން އޮން ސޯޝަލް ސައިންސައިސް އިމާރާތުގައި ރޯވީ މޮސްކޯ ގަޑިން ރޭގަނޑު 10 ޖެހި އިރު އެވެ.
ރަޝާގެ އިމަޖެންސީ މިނިސްޓްރީ އިން ބުނީ ރޯވި އަލިފާން އިމާރާތުގެ 2000 އަކަ މީޓަރުގެ ސަރަހައްދަކަށް ފެތުރުނު ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ އަލިފާން ނިއްވާލުމުގެ މަސައްކަތުގައި 147 މީހުންނާއި 38 މެޝިނަރީ ބޭނުން ކުރި ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ކައިރީ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ދުމުގެ ސަބަބުން މާ ބޮޑެތި ދުއްތުރާލަކާ ވެސް ކުރިމަތި ނުވާ ކަމަށެވެ.
ރަޝާ ޓްޑޭ އިން ބުނީ އެ ލައިބްރަރީއަކީ އިންސާނިއްޔަތާއި ސޯޝަލް ސައިންސްގެ އެންމެ ބޮޑު ރިސާޗު ސެންޓަރު ކަމަށެވެ. އަދި އެ ތަނުގައި 14.2 މިލިއަަން ގަދީމީ ލިޔުން ހިމެނޭ ކަމަށެވެ. އަދި އީސްޓަން ޔޫރަޕާއި ރަސިޔާގެ ބަސް ހިމެނޭ، 400 އަހަރުގެ ލިޔުންތައް ވެސް އިމާރާތުގައި ހުންނާނެ ކަމަށެވެ.
ނަވަރާސަތޭކަ އަށާރަ ވަނަ އަހަރު ހުޅުވި ލައިބްރަރީގައި 330 މީހުން މަސައްކަތް ކުރެ އެވެ. އަދި އެތަނުގައި ހަމަ އެކަނި އެއް ކޮޕީ ހިމެނޭ ވެސް ގިނަ ލިިޔުންތަކެއް ހުނާނެ ކަމަށް ރަޝާ ޓްޑޭ އިން ބުންޏެވެ.