އިންޑިއާގެ ޑިފެންސް ރިސާޗު އެންޑް ޑިވެލޮޕްމެންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ)ގެ އެގްނީ މިސައިލް ސީރީޒް ގެ ދަށުން މިއަދު ޓެސްޓަށް ދޫކުރި އެގްނީ ވީ މިސައިލުގެ ކާމިޔާބީ ފާހަގަކޮށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ އެކަމުގައި ހަރަކާތްތެރިވި ސައިންސްވެރިންނަށް މަރުހަބާ ދަންނަވައިފި އެވެ.

ނަރެންދުރަ މޯދީ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައި ވަނީ އެގްނީ ވީ މިސައިލު ޓެސްޓުކުރުމުގެ މަރުހަލާ ކާމިޔާބު ވުމަކީ އިންޑިއާގެ ދިފާއުބާރުގެ ފައުޖުތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކާމިޔާބީއަށް ޓަކައި އެކަމުގައި ހަރަކާތްތެރިވި އިންޑިއާގެ ސައިންސްވެރިންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ސައިންސްވެރިންގެ މަސައްކަތަށް ތައުރީފު ހައްގުކަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.



5000 ކިލޯމީޓަރުގެ އެގުނީ ވީ މިސައިލް ޓެސްޓަށް ދޫކޮށްފައި ވަނީ މިއަދު ހެނދުނު އިންޑިއާގެ އޮޑިޝާގެ ވީލާ ކިޔާ ރަށެއްގަ އެވެ. އެއީ އެގްނީ ވީ ޓެސްޓް ކުރުމުގެ ތިންވަނަ ސްޓޭޖް ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ.