10 Feb 2011, 15:26
ސ. ހެރަތެރަ ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ކްރެޑިޓަށް މުދާ ނެގުމަށް ފަހު ފައިސާ ނުދައްކާ ކަމަށް ބުނެ ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ވާދީ ޓްރޭޑާސް އިން ޔޮޓް ޓުއާސްގެ މައްޗަށް ބުރާސްފަތި ދުވަހު ދައުވާކޮށްފި އެވެ.
އެމްޑީޕީއާ މިހާރު ގުޅިވަޑައިގެންފައިވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ މަައްޗަށް ކުރާ ދައުވާ ހުށަހަޅުއްވަމުން ވާދީ ޓްރޭޑާސްގެ ފަރާތުން ވަކީލު އަހްމަދު ފާއިޒު ވިދާޅުވީ، އެ މުދާތައް ކްރެޑިޓަށް ގެންގޮސް އިންވޮއިސްތަކުގެ މުއްދަތު ހަމަވި އިރު ވެސް އެއްވެސް އިންވޮއިސްއަކަށް ޔޮޓް ޓުއާސް އިން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކުމުން ދޭން ޖެހޭ ދެ ޕަސެންޓުގެ ޖޫރިމަނާ އާއި އެ ފައިސާ ދެއްކުމަށް ޔޮޓް ޓުއާސް އަށް ހަނދާންކޮށްދީފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވާދީ ޓްރޭޑާސް އިން އެދުނީ އިންވޮއިސްތަކަށް އަރާ ފައިސާގެ އަދަދު ކަމަށްވާ 462،093ރ. އާއި ޝަރީއަތް ނިމެންދެން އަރާ ދެ ޕަސެންޓުގެ ޖޫރިމަނާ ފައިސާ ޔޮޓް ޓުއާސްގެ ފަރާތުން ނަގައިދިނުމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ޖަމީލް މޫސާ ވިދާޅުވީ ޝަރީއަތަށް ވާދީގެ ފަރާތުން ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގައިވާ އަދަދާއި ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ އަދަދު ދިމާނުވާ ކަމަށެވެ. ވާދީގެ ފަރާތުން ބުނީ އެކަން ސާފުކުރުމަށް ފަހު ފަހުން ޝަރީއަތަށް އަންގާނެ ކަމަށެވެ.