31 Jan 2015, 14:50
މާލޭ ވިޔަފާރި ބަނދަރުންނާއި ހުޅުމާލޭ ފެރީ ޓާމިނަލުން ރޭގަނޑު ދޭ ހުރިހާ ޚިދުމަތްތަކަކުން 30 ޕަސެންޓުގެ ސާވިސް ޗާޖެއް ނަގަން އަނެއްކާ ވެސް ނިންމައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު މަހުދީ އިމާދު މިއަދު 'ސަން' އަށް ވިދާޅުވީ ރޭގަނޑު 12:00 ގެ ފަހުން މުދާބޭލުމުގެ މަސައްކަތް ބޯޓުފަހަރުން ކުރާތީ ބޯޓުގެ ވެރިފަރާތުގެ އަތުން 30 ޕަސެންޓުގެ ސާވިސްޗާޖެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
މަހުދީ ވިދާޅުވީ ސާވިސްޗާޖު ނަގަމުންގޮސް އެކަން މެދުކަނޑާލާފައި އޮތީ ދާދިފަހުން މީރުބަހުރު ބަނދަރުގެ ޚިދުމަތްތައް މިދިޔަ އޮގަސްޓު މަހު 24 ގަޑިއިރަށް ބަދަލުކުރިފަހުން ކަމަށެވެ. އަދި ދަންވަރުން ފެށިގެން ހެނދުނު 7:30 ވަންދެން މުދާ ބާލާ ބޯޓުފަހަރުން ސާވިސް ޗާޖު ނަގަން އަނެއްކާ ވެސް އެމްޕީއެލްގެ ބޯޓުން ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދޭތެރޭގައި އަޅުގަނޑުމެން 24 ގަޑިއިރަށް ޚިދުމަތް ބަދަލުކުރީމާ އޭތި ނުނެގިފަ އޮތީ. އަލުން ނަގާކަމަށް ވަންޔާ ބޯޑުން އަލުން ފާސްކުރަން ޖެހޭނެ. ސަބަބަކީ ބޮޑެތި އޮޑިޓް މައްސަލަތައް ނުކުންނާނެތީ،" މަހުދީ ވިދާޅުވި އެވެ.
ސާވިސްޗާޖު ނެގުމަކީ ބަނދަރުންދޭ ޚިދުމަތްތަކަށް ބަދަލުގެނައުން ނޫން ކަމަށާއި ކުރިންވެސް ދެނުންދިޔަ ގޮތަށް ބަނދަރުންދޭ ޚިދުމަތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލް އިން ބުނީ 24 ގަޑިއިރު ޚިދުމަތްދޭން ނިންމީ ބަނދަރުގެ ޚިދުމަތްތައް އަވަސް ކުރުމުގެ ބޭނުމުގައި ކަމަށެވެ.