ށ.ފުނަދޫން ފުރައިގެން މާލެ ދަތުރުކުރި ބޯޓަކުން އައި މާބަނޑު އަންހެނަކު ކޯސްޓުގާޑުން މާލެ ގެނައުމުގެ ތެރޭގައި ވިހައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ށ. ޅައިމަގު ފެންފިޔާޒުގޭ އުމުރުން 26 އަހަރުގެ އައިޝަތު ޝިހާމާ ބޯޓެއްގައި މާލެ އަންނަނިކޮށް ކޯސްޓުގާޑުން މާލެ ގެނެސްފައި ވަނީ ބޯޓުގައި އޮއްވައި ބަނޑުގައި ރިހުން ގަދަވެ، ހާލުދެރަވާން ފެށުމުން ސިފައިންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.

އޭނާ އަށް އެހީވުމަށް އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ޑޮކްޓަރަކާއި މެޑިކަލް އެސިސްޓެންޓެއް ދިޔައިރު ރޭ ފަތިހު 5:20 އެހާކަންހާއިރު ކަނޑުމަތީގައި ވިހާފައިވާ ކަމަށެވެ.

މާލެ ގެނައުމުގެ މަގުމަތީގައި އޭނާ އަންހެން ކުއްޖެއް ވިހާފައިވާ އިރު އެ ދެމައިން މާލެ ގެނެވުނީ ރޭ ފަތިހު 5:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މާލެ ގެނައުމަށް ފަހު އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ބެލުމުގެ ދަށުން އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.