ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މުހައްމަދު އިބްތިހާލުގެ ހާދިސާއަށް މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތުމަތު ނަހުލާ ފިލްމެއް ހަދަން ނިންމައިފި އެވެ.

ނަހުލާ މިހާރު ވަނީ އެފިލްމު ހަދާނެ ކަން އިއުލާންކޮށްފަ އެވެ. އެގޮތުން އޭނާ ދަނީ އެ ހާދިސާ ދިރާސާ ކުރުމަށް އެކިއެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރޭގައި ރަކީދު އަށް ގޮސް އެ ހާދިސާ އިންވެސްޓިގޭޓުކުރި ސަންގެ ނޫސްވެރިން ވެސް ހިމެނެ އެވެ.

ނަހުލާ ބުނި ގޮތުގައި އިބްތިހާލުގެ މަރުގެ ހާދިސާއަށް އަމާޒުކޮށް އޭނާ ހަދާ ފިލްމަށް ކިޔަނީ "އެކޮއި" ކަމަށެވެ. އެފިލްމު މިއަހަރުގެ ތެރޭގައި ނެރޭނެ ކަމަށް ވެސް ނަހުލާ ބުންޏެވެ. ފިލްމު ޝޫޓު ކުރުމަށް ވެސް ނިންމާފައި ވަނީ އަސްލު އެ ހާދިސާ ހިނގި ތަންތަނުގަ އެވެ. އޭނާ ބުނި ގޮތުގައި މަސައްކަތް ކުރަމުން ދަނީ އެ ހާދިސާ ވީހާ ވެސް އަސްލެއްގެ ގޮތުގައި އާންމުންނަށް ދައްކައިދިނުމެވެ.

"އަޅުގަނޑު މިދަނީ މިހާދިސާ އެނގޭ ފަރާތްތަކާ މަޝްވަރާ ކުރަމުން. އެ ހާދިސާ ވީހާ ވެސް އަސްލަކަށް ވާގޮތަށް ގެނެވޭތޯ މަސައްކަތް މިކުރަނީ." ނަހުލާ ބުންޏެވެ.

ނަހުލާ ބުނި ގޮތުގައި މިއަދުގެ މުޖުތަމައުގައި އެފަދަ މައްސަލަތައް ދިމާވާ ދުވަސްވަރު އެވާހަކަ ދެކެވި ފަހުން އެކަންކަން ހަނދާން ނެތޭ ކަމަށާއި އެހެންކަމުން އޭނާގެ އަމާޒަކީ ގިނަ މީހުންނަށް އެ ހާދިސާ ސިފަވާގޮތަށް ދައްކުވައިދީ ހަނދާނުގައި ބެހެއްޓުމަށް އެހީވުމެވެ.

ނަހުލާއަކީ މީގެކުރިން ވެސް އެފަދަ އެތައް އިޖްތިމާއީ މައްސަލަތަކަކަށް ފިލްމުތައް ހަދައި އަދި އެފިލްމު ތަކަށް އާންމުންގެ ތަރުހީބް ހޯދާފައިވާ މީހެކެވެ.

އިބްތިލާހު މަރުވެފައި އޮއްވައި މިދިޔަ ބުދަ ދުވަހުގެ މެންދުރު ފެނިފައި ވަނީ ސީރިއަސް ޒަހަމްތަކަކާއެކުގަ އެވެ. އެގޮތުން އިބްތިލާހުގެ ކުރިމަތިފަރާ ތަށާއި އޭނާގެ ކަންފަތުން ޒަހަމްތަކެއް ފެންނަން ހުއްޓެވެ.