ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރަ ހުޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެސްޓީއޯގެ 73 ވަނަ ބޭސް ފިހާރަ ގއ. ކަނޑުހުޅުދޫގައި މިއަދު ހުޅުވައިފި އެވެ.

އެސްޓީއޯ ބޭސް ފިހާރަ ހުުޅުވުމަށް ކަނޑުހުޅުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭސް ފިހާރަ ހުޅުއްވާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު އެވެ.

ބޭސްފިހާރަ ހުޅުއްވައިދެއްވުމަށްފަހު ޖަމީލު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް ހެޔޮ އަގެއްގައި ބޭހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާ ކުރެއްވި އެވެ.

ކަނޑުހުޅުދޫގައި ބޭސްފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ: ކިޔުންތެރިއެއް
މީގެ ކުރިން އަމިއްލަ ބޭސް ފިހާރައެއް ހިންގަމުން ދިޔަ ކަނޑުހުޅުދޫގައި އާސަދައިގެން ދަށުން ރައްޔިތުންނަށް ބޭހުގެ ޚިދުމަތް ލިބެން ފެށުމުން ހުރިހާ ގޮތަކުންވެސް ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

ކަނޑުހުޅުދޫ ބޭސް ފިހާރަ ގާއިމްކޮށްފައި ވަނީ އެރަށު ސިއްހީމަރުކަޒުގެ އެތެރޭގަ އެވެ.