10 Feb 2011, 14:53
މާލެ އާއި އައްޑު އަތޮޅުގައި އުފައްދާ ސިޓީ ކައުންސިލުތަކުގެ މޭޔަރުގެ މަގާމު ބޭނުންފުޅުވާ އެމްޑީޕީގެ ކައުންސިލަރުން ގިނަވެ، އެބޭފުޅުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތައް އުފެދިއްޖެ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި، ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި ހުރިހާ ކެންޑިޑޭޓުން ވެސް 45،000ރ. ގެ މުސާރައެއް ހުށަހަޅައިފައިވާ ސިޓީ މޭޔަރުގެ މަގާމު ބޭނުންފުޅުވެވަޑައިގަންނަވަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކައުންސިލަރަކު ނަން ނުޖެއްސެވުމަށް އެދިވަޑައިގެން ވިދާޅުވީ، އޭނާ ވެސް މޭޔަރު ކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ކަމަށާއި އެހެންނަމަވެސް، އެކަމަށް ތާއީދު ނުކުރައްވާ އެހެން ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އަދި އައްޑޫ ސިޓީގެ މޭޔަރަކާ މެދު ޚިޔާލުތަފާތުވާ ވާހަކަ ރަށުތެރެއަށް ފެތުރިގެން ގޮސްފައިވާ ކަމަށާއި ކައުންސިލަރުންގެ މެދުގައި އެންޓި ކެމްޕޭން ކުރަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީދާ ކައުންސިލަރުންނަށް ވުރެ ވެސް ބޮޑަށް އެންޓި ކެމްޕޭން އެ އަންނަނީ، އެ ކެންޑިޑޭޓުންނަށް ކެމްޕޭނު ކޮށްދިން ޓީމްތަކުގައި ހިމެނޭ ތަފާތު ވިސްނުމުގެ މީހުންގެ ފަރާތުން،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ނިމުނު ފަހުން ހުރިހާ ކެންޑިޑޭޓުން "އެއް މޭޒެއް ދޮށުގައި" މަޝްވަރާ ކޮށްފައެއް ނުވާ ކަމަށް ކައުންސިލަރުން ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެހެން ކައުންސިލަރަކު ވިދާޅުވި ގޮތުގައި، ކައުންސިލަރުންގެ މެދުގައި "ތަޅައިނުފޮޅި" ނަމަވެސް، ޚިޔާލުތަފާތުވުންތަކެއް އުޅެ އެވެ. "ކޮންމެވެސް އެއްބަޔަކު ދޫދޭން އެބަޖެހޭ. އޭރުން އަޅުގަނޑުމެންނަށް އެކުވެރިކަމާ އެކު މި މަސައްކަތް ފަށައިގަނެވޭނީ،"
އައްޑޫ ސިޓީގެ އިތުރުން ވެރިރަށް މާލެސިޓީގެ ކައުންސިލްގެ ތެރޭގައި ވެސް "މޭޔަރުގެ ގޮނޑީގެ މައްސަލަ" ވަނީ ހޫނު ވެފައެވެ.
އެމްޑީޕީގެ ސެކްރެޓަރީޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ، އައްޑޫގެ އިތުރުން، މާލެ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބޭފުޅުން މޭޔަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ކަމަށާއި އެކަމަށް އެބޭފުޅުން ލޮބީ ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ނިންމާނީ ކައުންސިލަރުންގެ މެދުގައި ކަމަށާއި އެކަމަށް ޕާޓީން ވަކި ގޮތެއް ނުނިންމާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
"ކޮންމެ ގޮތަކަށް ވިއަސް ސިއްރު ވޯޓެއް ނަގަނީ. ސިއްރު ވޯޓަކުން އިލެކްޓްވާ ބޭފުޅަކު އިލެކްޓް ވީމަ މޭޔަރަކަށް ވާނެ. ދެން އޭގައި ޕާޓީން ވަކި ބޭފުޅަކު އެންޑޯސްކޮށް، ޕްރޮމޯޓްކުރުމުގެ ނިޔަތުގައި މަސައްކަތް ނުކުރަން،" ޝާހު ވިދާޅުވި އެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ކުރިމަތި ލައްވާނެކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމްޑީޕީގެ ދެވަނަ ކޮންގްރެސްގެ ނިމުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް، އެ މަގާމަށް ކުރިމަތި ނުލައްވާނެ ކަމަށް އާދަމް މަނިކު ވަނީ ދާދި ފަހުން މީޑިއާގައި ވިދާޅުވެފަ އެވެ.
ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި އެމަނިކުފާނު ހުންނެވީ މޭޔަރުގެ ގޮނޑި ފުރުއްވުމާ މެދު ދެވަނަ ވިސްނެވުމަކަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގެނެނެވެ.
އެގާރަ ގޮނޑީގެ މާލެ ސިޓީ ކައުންސިލްގެ 9 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައި ވާއިރު އައްޑޫ ސިޓީގެ ހަ ގޮނޑި ވެސް ގެންދިޔައީ އެ ޕާޓީންނެވެ.