ރާއްޖޭގެ ފިހާރަތަކުގައި ކޭޝިއަރުންގެ ގޮތުގައި ތިބޭނެ ދިވެހިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީން ހިންގަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ފިހާރަ، ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ދިވެހިންނަށް މިހާރު ފުރުސަތު ހުޅުވާލެވިފައި ވާ ކަމަށެވެ.

އެ ތަމްރީނު ޕްރޮގްރާމަކީ ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަތް ޝައުގުވެރިވާ ފަރާތްތަކާއި، އެފަދަ ވަޒީފާ ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާއި، ވަޒީފާ ދޭފަރާތްތަކާއި ގުޅުވައިދެވޭނެ ނިޒާމެއް ގާއިމު ކުރުމަކީ އެ ޕްރޮގްރާމުގެ އެންމެ ބޮޑު ބޭނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޭޝިއަރުން ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީ ކުރެއްވުމަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. އަދި އީމެއިން މެދުވެރިކޮށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން[email protected]އަށް އީމެއިލް ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އޭޕްރީލް މަހުން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާ ކަމެއްކަމަށް ހަމަޖައްސައި ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.