31 Jan 2015, 10:11
އަންމާން (ޖަނަވަރީ31): އައިއެސް ޖަމާއަތުން އަސީރުކޮށްފައިވާ އުރުދުންގެ އަސްކަރީ ޕައިލެޓް ލެފްޓިނެންޓް މުޢާޒު އަލްކަބާބިސާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ބަލަމުންގެންދާ ކަމަށް އެގައުމުގެ ސިފައިންގެ މުއައްސަސާ އިން ބުނެފި އެވެ.
އުރުދުންގެ ސިފައިންގެ ތަރްޖަމާނެއް ކަަމަށްވާ ކާނަލް މަމްދޫޙް އަލްޢާމިރީ ވިދާޅުވީ ޖާސޫސީ ވަސީލަތްތައް ބޭނުންކޮށްގެން މުޢާޒުލްކަބާބިސާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ބަލަމުން ގެންދާކަމަށާ އޭނާއާ ބެހޭ އެއްވެސް މަޢްލޫމާތެއް ލިބިއްޖެ ނަމަ އެކަން ރައްޔިތުންނާ ޙިއްސާކުރާނެ ކަމުގަ އެވެ. އުރުދުންގެ ސަރުކާރުން ބުނެފައިވަނީ މުޢާޒު ދުނިޔޭގައި ހުރިކަން އައިއެސްއިން ކަށަވަރުކޮށްދީފި ނަމަ އޭނާއާއި އައިއެސް އިން ވަގަށްނަގާފައިވާ ޖަޕާނުގެ ރަހީނެއް ކަމަށްވާ ކިންޖީ ގޮތޫ ގެ ބަދަލުގައި އުރުދުންގެ ޖަލުގައިހުރި އައިއެސްގެ އަސީރެއް ކަމަށްވާ ސާޖިދާ އައްރީޝާވީ މިނިވަންކުރަން ތައްޔާރަށް އޮތްކަމުގަ އެވެ.
ސާޖިދާއައްރީޝާވީ އަކީ އަމިއްލައަށް މަރުވެގެން އުރުދުންގައި ބޮންގޮއްވަން އުޅެނިކޮށް މިދިޔަ އަހަރު އުރުދުންގެ ސަލާމަތީ ބާރުތަކުން އަތުލައިގަނެ ހައްޔަރުކޮށްފައިވާ އައިއެސްގެ އަންހެން ހަނގުރާމަވެރިއެކެވެ. އައިއެސްއިން ވަނީ ޖަޕާނުގެ ކިންޖީ ގޮތޫ މިނިވަންކުރުމުގެ ޝަރުތެއްގެ ގޮތުން އުރުދުންގެ ޖަލުގައިވާ ސާޖިދާ އައްރީޝާވީ މިނިވަން ކޮށްދިނުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހައެއްޖެހުމާ ހަމައަށް އުރުދުންއަށް މުހުލަތެއް ދީފަ އެވެ.
މިމުހުލަތުގައި އުރުދުން އިން ބުނެފައިވަނީ އިސްކަންދެވޭނީ އައިއެސްގެ އަތްދަށުގައިވާ އެގައުމުގެ ޕައިލެޓް މުޢާޒު މިނިވަން ކުރުމަށް ކަމަށާއި މުޢާޒު ދުނިޔޭގައި ހުރިކަން ކަށަވަރުވުމުން ނޫނީ އެގައުމުގެ ޖަލުގައިވާ އިރާގުގެ އަންހެނެއް ކަމަށްވާ ސާޖިދާ އައްރީޝާވީ މިނިވަން ނުކުރެވޭނެ ކަމުގަ އެވެ.
މި މުއްދަތު ފާއިތުވުމަށް ފަހު ޖަޕާނުގެ ކިންޖީ ގޮތޫ ކަތިލާލައިގެން މަރާލާނެކަމުގެ އިންޒާރު އައިއެސް އިން ދީފައިވީނަމަވެސް އެޖަރީމާ އައިއެސްއިން ހިންގިކަން އަދި ކަށަވަރު ވެފައެއް ނުވެ އެވެ. (ރޮއިޓާސް)