މާލޭގެ މަގުތައް ސާފުކުރުމަށް ހައުސިން މިނިސްޓްރީ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މާލޭ އުތުރު ފަރާތު ޕޭމެންޓުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ މުދާ މާދަމަ އިން ފެށިގެން ނަގަން ފަށާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

ހައުސިންގް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭގެ އެއްވެސް މަގަކާއި، މަގެއްގެ ޕޭމެންޓް މަތީގައި މުދާ ބަހައްޓައިގެން ވިއްކުމަކީ ހުއްދަކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މުދާތައް މާދަމާގެ ކުރިން ނުނަގައިފި ނަމަ ގަވާއިދުގެ ތެރެއިން އެތަކެތި ނަގައި ނައްތާލަމުން ދާނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، މިއަދަށް ފަހު ޕޭމެންޓުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ މުދާ ނައްތާލުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ހައުސިންގް މިނިސްޓްރީ އިން ޒިންމާއެއް ނުވާނެ އެވެ.

މާލޭގެ އުތުރު ފަރާތު، މާރު ކޭޓު ސަރަހައްދުގައި މަގުމަތީ މުދާ ބަހައްޓައިގެން އުނގު ވިޔަފާރި ކުރުމަކީ އާންމު ކަމެކެވެ. މީގެ ކުރިން މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން އެތައް ފަހަރެއްގެ މަތިން އެމީހުން އެތަނުން ނަގާފައިވެސްވެ އެވެ.