31 Jan 2015, 10:02
ގައުމީ ތަރައްގީ އަށް ލާބަޔާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތެއް ކޮށްދީފައިވާ އަންހެނުންނަށް ސަރުކާރުންދޭ "ރެހެނދި" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖެންޑާ މިނިސްޓްރީ އިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ރެހެނދި" އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލަ އަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް) ކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައިވާ ކަމަށެވެ.
އަދި ބުނެފައި ވަނީ އެ އެވޯޑު ލިބޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައި ވަނީ އެކަމަށް ހާއްސަ ކުރެވިފައިވާ ކޮމިޓީ އަކުން ކަމަށެވެ.
ސަރުކާރުންދޭ "ރެހެނދި" އެވޯޑަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަން ޖެހޭ ތަކެތީގެ ތެރޭގައި އެވޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ޕާސްޕޯޓް ސައިޒު ފޮޓޯއެއްގެ އިތުރުން އެ މީހެއްގެ ވަނަވަރު އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހެ އެވެ. ހަމަ މިއާ އެކު އެޕްލިކޭޝަން ފޯމުގައި ބަޔާންކުރައްވާފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށްދޭ ލިޔުންތަކާއި އެވޯޑަށް އެހެން ފަރާތުގެ ނަން ހުށަހަޅުއްވާ ނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މިއެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.
އަންހެނުން ހާސިލްކުރާ ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމުގެ ސަބަބުން ގައުމީ ޚިދުމަތަށް ނުކުންނަ އެހެން އަންހެނުންނަށް ހިތްވަރު ހޯދައިދިނުމަށް ސަރުކާރުން ތައާރަފް ކުރި "ރެހެނދި" އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ އަހަރަކު އެއްފަހަރު އެވެ.
މިދިޔަ އަހަރު މި އެވޯޑު ހާސިލްކޮށްފައި ވަނީ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖުވޭރިޔާ ވަޖުދީ އަށާއި ކޭކު ޑިޒައިން ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އައިމިނަތު ނަޝީދާ އަށެވެ.