31 Jan 2015, 09:43
ރަކީދޫން: އަހުމަދު ސާއިލް އަލީ
ހަވީރު ފިންޏަށް ވ. ރަކީދޫގައި ކުރިން ފުޓްބޯޅަ ކުޅެ އެވެ. ޒުވާނުން ކުރިން އެކަން ކުރިޔަސް މިހާރަކު އެ ކުޅިވަރު ކުޅެވޭކަށް ނެތެވެ. ސަބަބަކީ ބައި ހަމަ ނުވާތީ އެވެ. މި ރަށުގައި ފުޓުބޯޅަ ކުޅެމުންދަނީ ކޮޅަކަށް ހަތަރު މީހުން ލައިގެން އަށް ޒުވާނުންނެވެ. އޭގެ ތެރެއިން ބައެއް ކުދިން ރަށްތަކަށް ގޮސްފައިވުމުން މިހާރު މި ރަށު ޒުވާނުން ތިބީ ފުޓްބޯޅަ ކުޅުމުން މަހުރޫމްވެފަ އެވެ. ޓީމް ހަމަނުވާތީ އެވެ. ހަމައެކަނި ކުޅިވަރެއް ނޫނެވެ. ޓީމު ހަމަނުވެގެން މިރަށުގެ ރައްޔިތުން ތިބީ އަސާސީ އެތައް ހިދުމަތަކުން ވެސް މަހުރޫމްވެފަ އެވެ.

ވ. ރަކީދޫ ފުޓްބޯޅަ ދަނޑު-- ސަން ފޮޓޯ އަލީ ނަސީރު
މި ރަށަށް އައުމަށް މައުލޫމާތު ސާފުކޮށްލިއިރު އެނގުނު ގޮތުގައި މިއީ އެންމެ 40 އަކަށް މީހުން ދިރިއުޅޭ ރަށެކެވެ. އެއީ ގަބޫލް ކުރަން ދަތި ވާހަކައެކެވެ. އެންމެ 40 ވަރަކަށް މީހުން ރަށެއްގައި ދިރިއުޅޭނެ ގޮތާއި އެ މީހުންންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ހިދުމަތްތަކުގެ ފެންވަރަކީ ސިފަކޮށްލަން އުނދަގޫ ތަހައްމަލު ކުރަން ވޭންދަތިވި ކަންތައްތަކެކެވެ. ރަށަށް އަރައި ފައިބާ ފާލަމަށްވުރެ ރަނގަޅު ފާލަން ރާއްޖޭގެ ފަޅު ރަށްރަށުގައި ވެސް ހުރެ އެވެ. ރަށު ތެރެއިން ފެންނަ ތަރައްގީއެއް ނެތެވެ. މުޅިން ވެސް ފަޅުކަމާއި މޮޅިވެރިކަމާއި މާޔޫސް ކަމެވެ. ރައްޔިތުންގެ މޫނު މަތިން އުޖާލާ ކަމެއް ނެތެވެ.

ވ. ރަކީދޫގެ މަގެއް-- ސަން ފޮޓޯ/ އަލީ ނަސީރު
މިއަދު މި ރަށްވެފައި ވަނީ ސިނާއީ މަސައްކަތް ކުރާ ރަށަކަށެވެ. ވަޒީފާގެ ބަންދުގައި ނޫނީ ޒުވާނަކު ރަށަކު ނެތެވެ. މިހެން މި ބުނީ މި ރަށުގައި ޒުވާނަކަށް ތިބި 20 މީހުންގެ ތެރޭގައި ހިމެނެނީ ރަށުގެ ސަރުކާރު ވަޒީފާތަކާއި މަހަށް ދާން ގެންގުޅޭ ދެ ދޯނީގައި އުޅޭ މީހުންނެވެ. ދެން ތިބީ މުސްކުޅި މައިން ބަފައިންނެވެ. އެ މީހުން ތިބީ ދަރިން ވަޒީފާގައި އުޅޭތީ އެ މީހުންނަށް ކެއިން ބުއިމުގެ ހިދުމަތާއި ގެވެހި އެހެނިހެން މަސައްކަތްތަކަށް އެހީތެރިވުމަށެވެ.
މަގެއްގެ މަތިން ޖިންސުއްލަތީފެއް ވެސް ނުފެނެ އެވެ. ކާޅު ގޮވާ އަޑަކީ ރަށުތެރެ ގުގުމާ އަޑެވެ. މި ރަށުން އުފެދޭ ލޯބި، ކައިވެނިތަކަށް ބަދަލުވެ ދަރިން ލިބޭ ހިސާބުން ލޯބި އުފަންވި ފަސްގަނޑު ދޫކޮށްލަން އެ ލޯބިވެރިންނަށް މި ވަނީ މަޖުބޫރުވެފަ އެވެ. ރަށުގައި ދިރިއުޅެވޭނެ ގޮތްތަކެއް ނެތެވެ. އާބާދީއެއް ނެތްތާ ވަސީލަތެއް ވެސް ނެތީއެވެ.
"ވާގޮތަކީ މީހަކާއި އިނދެގެން ދަރިޔަކު ލިބި އެ ކުއްޖާ ކިޔަވަން ވާއިރަށް މި ޖެހެނީ ވަޒީފާ ބޭނުމިއްޔާ އަހަރުން މި ރަށުގައި ތިބެފަ އަންހެނުންނާއި ދަރިފުޅު އަތޮޅުތެރޭ ރަށަކަށް ނުވަތަ މާލެ އަށް ބަދަލު ކުރަން، ވަރަށް ހިތްދަތި ދިރިއުޅުމެއް މިއީ،" ރަކީދޫ ޒުވާނަކު ބުންޏެވެ.
އެހެނިހެން ހިދުމަތްތަކަށް ބަލާއިރު ސިއްހީ މަރުކަޒެއް ވެސް ހުރީ ނަމެއްގަ އެވެ. އެންމެ ފިހާރައެއް ހުންނައިރު އެ ފިހާރައިން ގިނަ ފަހަރަށް އެއްޗެއް ނުލިބެ އެވެ. ކެފޭ ހޮޓަލެއްގެ ނިޝާނެއް ނެތްއިރު ހިތް އުފާކޮށްލަން ކުޅިވަރެއް ކުޅެލެވެން ވެސް ނެތެވެ. މުއާސަލާތީ ހިދުމަތްތަކުގެ ފެންވަރު ވެސް ވަރަށް ދަށެވެ. އިންޓަނެޓު ހޯދުމަކީ ބޮޑު ދުއްތުރާލެކެވެ. މިއީ އަތޮޅުގެ އެންމެ އެކަހެރިކޮށް އޮންނަ ރަށަށްވެފައި މިރަށުން އެހެން ރަށްރަށަށް ދަތުރު ކުރުން ވެސް ވެފައި ވަނީ ދުއްތުރާލަކަށެވެ.

ރަކީދޫ ސިއްހީ މަރުކަޒު-- ސަން ފޮޓޯ
ތައާރަފަކަށް ޖެހިލާނަމެވެ. މި ރަށުގެ ޖުމްލަ އާބާދީ އަކީ 371 މީހުންނެވެ. ނަމަވެސް ގިނަ މީހުން އުޅެނީ ހިދުމަތެއް ނެތް މި ރަށް ދޫކޮށް އަތޮޅުތެރޭ ބައެއް ރަށްރަށާއި މާލޭގަ އެވެ. މި ރަށް މިހާ ދަށު ދަރަޖައަށް ފަޅުވާން ދިމާވި އެއް ސަބަބަކަށް ވެފައި ވަނީ ގުރޭޑް ހަތަކަށް ކިޔަވައި ދެމުން ދިޔަ މި ރަށު ސުކޫލްގައި 15 ކުދިން ތައުލީމް ހާސިލް ކުރަން ތިބުމުން 2007 ވަނަ އަހަރު ސުކޫލް ބަންދުކުރުމެވެ. އޭރު ސުކޫލުގައި ބޭނުން ކުރި ސާމާނުތައް މިހާރު ވަނީ މި އަތޮޅު ކެޔޮދުއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ތައުލީމެއް ނެތް މި ރަށުގައި ޕްރީ ސުކޫލެއް ހުޅުވައި ކިޔަވައި ދިނުމުގެ މަސައްކަތް ކައުންސިލުން ފެށި އެވެ. ނަމަވެސް ކުދިން ނުތިބުމުގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން އެ ސުކޫލް ވެސް ވަނީ ބަންދުކޮށް ތައުލީމީ ހުޅުކޮޅު ނިއްވާލާފަ އެވެ.

15 ކުދިން ތައުލީމް ހާސިލް ކުރަމުންދާ ރަކީދޫ ސްކޫލް-- ސަން ފޮޓޯ/ އަލީ ނަސީރު
ފަޅު ރަށެއް ކަހަލަ މި ރަށުގައި ވެސް ފަސް ކައުންސިލަރުން ތިބޭއިރު އެ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތުން މި ރަށު ރައްޔިތުން މަހުރޫމުވެ މިރަށު ރައްޔިތުން އުޅެންޖެހިފައި ވަނީ ރެފިއުޖީންގެ ދިރިއުޅުމެކެވެ. އެހެންކަމުން ރަށު ރައްޔިތުން ބޭނުންވަނީ މި ރަށުން ބަދަލުވާން ކަމަށް ސާމީ ވިދާޅުވި އެވެ.

ސަން އިން ރަކީދޫ ކައުންސިލްގެ ރައީސް އާއި އިންޓަވިއޫ ކުރަނީ: ސަން ފޮޓޯ؛ އަލީ ނަސީރު
"ހާލަތު ހުރި ގޮތުން ރައްޔިތުން ބޭނުމެއް ނުވޭ ރަށުގައި ތިބޭކަށް، ހުރިހާ ވެރިކަމަކުން ދައްކަނީ ދަޅައެއް އެކަމަކު ހަގީގަތަކަށް ނުވޭ،" ސާމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިރަށު ރައްޔިތުން މިރަށުން ފޭބުމަށް ތައްޔާރުވެ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް އެތައް މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. މި ރަށު ރައްޔިތުން ބޭނުން ވަނީ މާލެ އާއި ކައިރިން ރަނގަޅު ހިދުމަތެއް ލިބޭ ރަށަކަށް ދިރިއުޅުން ބަދަލު ކުރަން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިރަށު އެންމެން އެހެން ރަށަކަށް ބަދަލުކުރަން އެންމެ 50 ގެ ވެސް އިމާރާތް ކުރަން ނުޖެހޭނެ ކަމަށެވެ.
'"މިއީ ވެސް ދައުލަތައް ބަލަދުއަރާ ދިވެހި ރައްޔިތުންތަކެއް، މި ރައްޔިތުންނަށް ވެސް އެބަޖެހޭ އަޅާލަން، އާބާދީ މަދުވުމަކީ ރައްޔިތުންގެ ކުށެއް ނޫން ދެއްތޯ. ވޯޓަކަށް ވަރަށް ފޮނިދައްކާ،" ސާމީ ވިދާޅުވި އެވެ.
ސާމީ ވިދާޅުވާ ގޮތުން ނަމަ ސަރުކާރުތަކުން މި ރަށަށް ވެފައިވާ އިހުމާލް ވަރަށް ބޮޑެވެ. އެގޮތުން ހަތަރު ވެރިކަމުގައި ވެސް ސަރުކާރުގެ ވެރިއެއްހާ ހިސާބު މި ރަށަށް އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ. ހަމައެހެންމެ ސަރުކާރު މުއައްޒަފުންނަށްދޭ މުސާރައިގެ އިތުރުން މިރަށަށް ބަޖެޓަކުން ކޮށްލާ ހަރަދެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ފުރިހަމަ ސިއްހީ ހިދުމަތާއި ތައުލީމީ ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތު ގާއިމު ކުރުމަކީ ފަސޭހަ ރަހުމަތެއްގައި އަދި ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ކުދިކުދި އެތައް ރަށެއްގައި މަދު އާބާދީތައް ދުރުދުރުގައި ދިރިއުޅުމުގެ ބަދަލުގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްގީ ލިބެން މަގުފަހިވާނެ ކަމެއްކަން ޔަގީނެވެ. މިއީ ހިދުމަތް ދިނުމަށް ދައުލަތުން ކުރަން ޖެހޭ ހޭދަ ކުޑަކުރެވި އެކަށީގެންވާ ހިދުމަތެއް ދެވޭނެ ގޮތެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް "ވީހާ ވެސް އަވަހަކަށް" އާބަދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެކަމަށް އަމަލީ ސިފަ ގެންނަން ޖެހެ އެވެ. އެ މަސައްކަތަކީ އުނދަގޫ ކަމަކަށް ވިޔަސް އެއީ ކޮންމެހެން ކުރަން މުހިއްމު ކަމެއް ކަމަށާއި އާބާދީ އެއްފަސް ކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

ރަކީދޫ ބަނދަރުމަތި-- ސަން ފޮޓޯ/ އަލީ ނަސީރު
"އަވަސް ފުރުސަތެއްގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެއަށް އަމަލީ ސިފައެއް ގެނައުން މުހިއްމު. މިކަމުގައި ތިޔަ އިއްޒަތްތެރި މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް އަޅުގަނޑު ދެކެން،" ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ. ރަކީދޫގެ މި މިސާލުން ވެސް މިކަން އަވަސް ކުރަންޖެހެ އެވެ.
ރަށެއްގެ ރައްޔިތުން ތަކެއް އެދި މިއޮށް އާދޭސް މި ކުރަނީ މި ރަށުން ބަދަލުކޮށްދިނުމަށް އެދި އެވެ. ހަގީގަތުގައި ވެސް އެއާދޭސްތަކުގެ އަޑު އަހަންޖެހެ އެވެ. އަޅުގަނޑު މި ވަނީ މިކަން ތަޖުރިބާކޮށްފަ އެވެ. މިފަދަ ރަށެއްގައި ދިރިއުޅުމަކީ އަދަބަކަށް ނޫނީނުވާނެ އެވެ. ރަކީދޫ އެދި ގޮވަނީ ބަދަލުވުމަށެވެ.