އަތުން ފައިން މަސައްކަތް ނުކުރާ މައިންބަފައިންގެ ބަނޑު ފުރާނަ މުއްތި ކުރުމަށް ވިއްކާލީ ދަރިފުޅެވެ. ފައިސާއަށް އެދި ފިރިހެނުން ވެއްދީ ދަރިފުޅުގެ ގާތަށެވެ. އުފަލާއި އަރާމަށްޓަކައި ދަރިން ހަދަނީ ހަށިވިއްކާ ކުދިބަޔަކަށެވެ. ރަށަށް އަންނަ ބީރައްޓެހިންނާއި ފައިސާ ގެންގުޅޭ ކޮންމެ މީހެއްގެ އަތައް ދެތިން ގަޑިއިރަށް ދަރިފުޅުގެ ނަފްސު ވިއްކާލަނީ އެވެ. ބައެއް ބެލެނިވެރިންގެ ތެރޭގައި އެތައް ކުދިންނަކަށް އަނިޔާ ކުރަން ލޯބި ކުރާ އެތައް ބަޔަކު އެބަވެ އެވެ. ގައުމުގައި އަނިޔާވެރި ކަންކަން ހިންގާ ފަރާތްތަކުގެ "ފަސް މަންޒަރަށް" ބަލާ އިރު އެފަރާތްތަކަކީ އެފަދަ ކަންތައްތަކެއް ދިމާވެފައިވާ ބަޔަކަށް ވެފައިހުރެ އެވެ.

ދަރިން ބޭޒާރުކޮށްލައި މަގުތީގައި އިލޮށި ފަތިން ދޭ އަނިޔާ ތަހައްމަލް އެތައް ކުދިންނެއް އެބަތިއްބެވެ. އަލިފާން ޖެއްސުމާއި މިރުސް އުގުޅުމާއި އަނދިރިތަނަކަށް ލައި ބިރު ދެއްކުން ފަދަ ކަންތައްތަކަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެއީ ހަމައެކަނި މާޒީއެއް ނޫނެވެ. މިއަދު ވެސް އެކަން ހަމަ އެގޮތަށް ހިނގަ އެވެ. ބަދަލެއް ނާދެ އެވެ. ދިވެއްސަކު އެފަދަ އަނިޔާއެއް ނުލިބި ބޮޑުވުމަކީ ނާދިރު ކަމެކެވެ.

"އަހަރެންމެ މަންމަގެ ތިބޭ ނުވަ ކުދިން، މަންމަ ހުންނާނީ އަބަދުވެސް ބޯގޮވާފައި، އަހަރެން ކުޑައިރު ފައި މިހިރީ އިސްތިރި ޖަސާފައި، އަހަރެންމެ ބޮލަށް ފުޅި ވެސް އެބަހުރި ތަޅާލާފައި. މިހެން އެތައް އަނިޔާއެއް އެބަހުރު ލިބިފައި، މިއީ ސޮސައިޓީގެ މައްސަލައެއް،" ޔޫރަޕުގެ ގައުމެއްގައި މަތީތައުލީމް ހާސިލް ކުރަމުން އަންނަ 23 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ބުންޏެވެ.

އަނިޔާވެރިވުމަކީ ގާނޫނު އަސާސީ އިންތިހާއަށް ދެކޮޅު ހަދާ ކަމެކެވެ. ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ގާނޫނުތަކުން އެ ވަނީ އެ ކުށްތަކާއި އަދަބުތައް ކަނޑައަޅާފަ އެވެ. ނަމަވެސް އެކަމަށް އާންމުން ހޭލުންތެރިއެއް ނޫނެވެ. ކުއްޖަކަށް ނުވަތަ މީހަކަށް ނުހައްގުން އަނިޔާތަކެއް ލިބޭކަން އެނގޭ ހިސާބުން ކަމާބެހޭ ފަރާތްތަކަށް އެކަން އެނގޭނެ އުސޫލުތައް ވަނީ ހަމަޖައްސާފަ އެވެ. ހައްގުތައް ރައްކާތެރި ކުރުމަށް ކަމަށް ބުނެ "ފެމެލީ ޕްރޮޓެކްޝަން އެޖެންސީ"ގެ އެތައް އިމާރާތެއް އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އިރު އެތަންތަނުން ކުރާ މަސައްކަތެއް ނުފެނެ އެވެ. އާންމުން މިފަދަ ކަންކަމަށް ހޭލުންތެރިއެއް ނޫންނެވެ. މައްސަލަ ހައްލު ނުކުރެވި ބާރު ސުޕީޑުގައި އެކަން ކުރިއަށް ނުދާ ސަބަބަކީ މިއީ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ކުއްޖާގެ ކަރާމާތަށް ގެއްލުމެއްވާ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ. އެފަދަ ކަމެއް ހިނގައިފި ނަމަ ކަމާ ބެހޭ ފަރާތްތަކަށް ލަސްނުކޮށް ހުށަހެޅުމަށް އެގާނޫނުން ބާރުއަޅަ އެވެ. ހަމަ އެހެންމެ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ވެސް ވަނީ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހަކަށް އަނިޔާ ލިބޭ ނަމަ އޭނާ އަށް ރައްކާތެރިކޮށްދޭ އުސޫލްތައް ހިމަނާފައިވެ އެވެ. އެ ގާނޫނުތަކުން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރި މާހޯލެއް ގާއިމްކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.

އިހުމާލުވުމާއި އަނިޔާވެރިވުމަކީ ކުށެއް ކަމަށް ބުނެފައިވިޔަސް ލިބޭ އަދަބުތައް މިހާތަނަށް އެންމެ އެކަށީގެންވާ ކަމަށް ނުބެލެވެ އެވެ. މިސާލަކަށް ބަލަމާތޯ އެވެ. ތުއްތު ދަރިފުޅުގެ މަރުގެ މައްސަލައާ ގުޅިގެން ސ. ހިތަދޫ ސިލްވަލީފް ނޫރުޒާދާ އަލީގެ މައްޗަށް ކުރި ހުކުމަށް ބަލާލަމާތޯ އެވެ. ނޫރުޒާދާގެ ދިހަ މަހުގެ ކުޑަ ދަރިފުޅު މުހައްމަދު ނާފިއު އިބްރާހިމަށް އަޅާ ނުލައި ސާފުތާހިރު ނޮކޮށް އަދި ވެކްސިން ދީފައި ނުވާއިރު، އެ ކުއްޖާ މަރުވިއިރު ފުރަގަސް ފަރާތަށް ގެއްލުން ލިބިފައި ހުރުމާއި ކަރު ދަށުގައި ނިޔަފަތި އަޅާފައި ހުރިކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގެ އެވެ. ދައުލަތުން ނޫރުޒާދާގެ މައްޗަށް ކުރި އަމުރަން ނުކިޔަމަންތެރިވުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން ހުކުމް ކުރީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނާއި ގާނުނުލް އުގޫބާތާގެ ދަށުން ނެވެ. ދަރިފުޅަށް އިހުމާލްވެ ކުއްޖާ މަރުވުމުން މަންމަ ނޫރުޒާދާ އަށް އައީ ހަ މަސް ދުވަހަށް ޖަލު ހުކުމެކެވެ. އެއީ 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމެކެވެ. އެ ހުކުމުން އެނގޭ ގޮތުގައި ގާނޫނުގައި މައްސަލަތަކެއް އުޅޭކަން ސާބިތުވެ އެވެ.

ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ އަނިޔާގެ މައްސަލަތަކުގައި ދެވޭ އަދަބު ކުޑަވެފައި ވަނީ 50 އަހަރުކުރިން ހަދާފައިވާ އަދި މިހާރު ވެސް އަމަލު ކުރަމުންދާ ގާނޫނު އުގޫބާތުގައި އެފަދަ މައްސަލަތައް ފާހަގަ ނުކުރެވި ހުރުމުން ކަމަށެވެ.

"އޭރު އިހްމާލުވުން، މަރުވުމުގެ މައްސަލަތަކަކީ ވަރަށް މަދު މައްސަލަތަކެއްވީމާ، އެހާ ބޮޑަށް ފާހަގަ ނުކުރެވި އޮތް ކަމެއް އެ ކަމަކީ، އެ ގާނޫނުގައި ހުރި އުނިކަން އޭރު ހުރީ ފާހަގަ ނުކުރެވި. ރާއްޖޭގައި އިހުމާލުމުން މަރުވުން އެހާ އާންމެއް ނޫން ދެއްތޯ ދާދި ފަހަކާއި ޖެހެންދެކަށް، އެހެންވެ އެކަން ހައިލައިޓް ނުވެ އިނީ،" ސުއޫދު ވިދާޅުވި އެވެ.

އާ ގާނޫނު އުގޫބާތެއް ހެދުމުގެ މަސައްކަތް ފެށުމާއެކު ކުރީގެ ގާނޫނު އުގޫބާތުން ހުރި އުނިކަން އިސްލާހުކުރުމުގެ ވިސްނުން ނުގެންގުޅެ އެވެ. އެކަން އިސްލާހު ނުވެ އޮތުމުން އެފަދަ ކުށްތަކަށް އެކަށީގެންވާ އަދަބު މިއަދާ ހަމައަށް ނުދެވިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އާގާނޫނު އުގޫބާތައް އަމަލު ކުރަން ފެށުމުން އެފަދަ މައްސަލަތަކަށް ހަރުކަށި އަދަބު ލިބިގެންދާނެ އެވެ.

ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނު އުގޫބާތައް އަންނަ ބަދަލަކުން އެފަދަ މައްސަލަތަކަށް ހައްލެއް ނާންނާނެ އެވެ. ސަބަބަކީ ރާއްޖޭގައި އިޖްތިމާއީ މައްސަލަތައް ހުރުމެވެ. އެފަދަ މައްސަލަތައް ހައްލުކުރާނެ އުސޫލެއް އެކުލަވާލައި ރަށު ކައުންސިލްތަކަށް އެކަމުގެ ބާރާއި ބަޖެޓު ދިނުމުން އެފަދަ މައްސަލަތައް ހައްލުވާނެ ކަމަށާއި އެއީ ޖެންޑާ މިނިސްޓްރީއަށް ކުރެވޭ ކަމެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ކައުންސިލްތަކަށް ބަޖެޓެއް ދީފައި ކައުންސިލްގެ ބެލުމުގެ ދަށުގައި ވަކި ގެއެއް އެ ރަށެއްގައި ބެހެއްޓޭނެ ދެއްތޯ. މިހާރު ވެސް ހުންނާނެ އެބައިންޑެންޓް ކޮށްފައި ހުންނަ ގެއެއް، ކޮންމެ ހެން އާ ގެއެއް އަޅާނެ ކަމެއްވެސް ނެތް. އެގެ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްފައި އެ ގޭގައި އެކަހަލަ ފެސިލިޓީއެއް ގާއިމް ކުރެވިދާނެހެން އަޅުގަނޑަށް ހީވަނީ،" ސުއޫދު ވިދާޅުވި އެވެ.

ކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ބާރާއި އެކަމަށް މަސައްކަތް ކުރުމުގެ ޒިންމާ ޖެންޑާ މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ އިރު އެ މިނިސްޓުރީއަށް އެކަން ނުވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެންމެ އަޑު ގަދަ ވާހަކަ އެވެ. ކުއްޖަކަށް ކަމެއް ވެގެން އެންގުމުން މިނިސްޓްރީ އިން އަޅާނުލާ ކަމާއި އެ މިނިސްޓުރީއިން ހިދުމަތެއް ހޯދުމަށް އުނދަގޫ ވާހަކައަކީ އެތައް ބައެއްގެ ދުލުން އިވޭ ވާހަކަތަކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެތައް ބަޔަކު ވެސް ބުނަމުން ދަނީ އެ މިނިސްޓުރީއަށް އެކަން ނުވާ ކަމަށެވެ. އެންމެ ފަހުން ހިނގި މުހައްމަދު އިބްތިހާލުގެ މަރުގެ ހާދިސާ އިން ވެސް އެ މިނިސްޓްރީ އަށް ރައްދު ކުރެވުނު އިހުމާލުވުމުގެ ތުހުމަތުތައް މިކަމުގެ ހެއްކަކަށް ފުދެ އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސް އަހްމަދު ތޮލާލު ވިދާޅުވި ގޮތުގައި ތިން އަހަރުގެ ކުޑަކުއްޖެއް އަނިޔާކޮށް މަރާލާފައިވާ އިރު، ކަމާ ބެހޭ މުއައްސަސާތަކަށް އެ ކުއްޖާ ދިރިއުޅެމުން ދިޔައީ ރައްކާތެރި މާހައުލެއްގައި ނޫންކަން އެނގޭ އިރު، ކަމާ ބެހޭ މުއައްސަސާތަށް ވެސް ކުއްޖާގެ މަރުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ވެސް އެ ވާހަކަތަކާ ދެކޮޅު ހަދާކަށް ނޫޅެ އެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި ގޮތުގައި މި ވަގުތު އޮތް ނިޒާމުގައި ބަލި ފައިތަކެއް އެބަ ހުރި ކަމަށާއި އެކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހުށައެޅިފައި ހުރި ހުރިހާ ކޭސްއެއް ރިވިއު ކުރުމުގެ މަސައްކަތް އޭގެ ތެރޭގައި ޕުރޮސީޖާސްތަކާއި އެއްކޮށް،" ސިދާތާ ވިދާޅުވި އެވެ.

ކުޑަކުއްޖަކަށް ހިތާމަވެރި ހާދިސާއެއް ހިނގައިގެން އެ ކުއްޖާ މަރުވުމުން އެއީ ބޮޑު ކަމަކަށް ހަދައި ފަދައިން ކުއްޖަކަށް އަނިޔާއެއް ލިބޭ ކޮންމެ ހިނދެއްގައި އެއީ ބޮޑު މައްސަލައަކަށް ހަދަން ޖެހެ އެވެ. އަނިޔާވެރިވާ މީހުންގެ ފަތިފުށަށް ބަލާއިރު އެ މީހުންނަކީ ޅަދުވަހު އެތައް ގޮތަކުން އަނިޔާ ލިބިފައިވާ މީހުންނެވެ. އެހެންކަމުން މި މައްސަލަ ހުއްޓުވަން ބޭނުންނަމަ ޅަ ދަރިންގެ އުމުރުން ފެށިގެން ގޮސް މައިންބަފައިގެން ހިސާބަށް ވެސް އެގޮތަށް އަނިޔާވެރިވެފައިވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހެ އެވެ. އަނިޔާގެ ފަހަތުގައި ތިބި ހަގީގީ ބާރުވެރިން، ބަލި ނުކުރެވެނީސް މައްސަލަ ހައްލެއް ނުވާނެ އެވެ.