ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޢަމަލުކުރަމުންދާ ބައެއް ޤާނޫނުތަކަށް ސްޕްރީމް ކޯޓުން އަމިއްލައަށް ބަދަލު ގެނެސް، ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަންނަމުންދާ ކަމަށް ބުނެ، އެމްޑީޕީ އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ، އިސްތިއުނާފު ކުރުމުގެ ޙައްޤު، އޭގެ މާނާގައި ނުލިބި ގެއްލިދާ ގޮތަށް ސްޕްރީމް ކޯޓުގެ ރޫލިންގަކުން ހަނިކޮށްފައި ވާތީ ކަންބޮޑުވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ކޯޓުތަކުންނާއި ޓްރައިބިޔުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ކޯޓުތަކުގެ ޤާނޫނުން ކަށަވަރުކޮށްދީފައިވާ 90 ދުވަހުގެ މުއްދަތާއި 180 ދުވަހުގެ މުއްދަތާއި، ވަޒީފާއާބެހޭ ޤާނޫނުން ކަށަވަރުކޮށްދީފައިވާ 60 ދުވަހުގެ މުއްދަތު ސްޕްރީމް ކޯޓުން ބަދަލުކޮށް، އެ މުއްދަތުތައް 10 ދުވަހަށް ހަނިކޮށްފައިވާކަން އެ ޕާޓީ އިން ފާހަގަކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން ގާނޫނުތަކުގެ މާއްދާތައް އެގޮތަށް ބާތިލްކުރަމުން އަންނައިރު ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށް އޮތް މުއްދަތަކީ މިހާރު ކޮބައިކަން ވެސް އެނގެން ނެތް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތުގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަކީ އިސްތިއުނާފުކުރަން ބޭނުންވާ ފަރާތަކުން ޤާނޫނީ ވަކީލަކު ހޯދައި އައްޔަނުކުރުމަށާއި، މައްސަލަ ދިރާސާކުރުމަށާއި އަދި އެކަމާ ގުޅުން ހުރި ގިނަގުނަ އެތައް ކަމެއް ކުރުމަށް އިންތިހާއަށް ކުރު މުއްދަތެއް ކަމަށެވެ.

"އަދި އެފަދަ ސަބަބުތަކާހުރެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤު، އޭގެ މާނާގައި ނުލިބި އެ ޙައްޤު ގެއްލިގެންދާނޭ ކަމަށެވެ. ޤާނޫނު އަސާސީ މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި އިސްތިއުނާފުކުރުމުގެ ޙައްޤުދީފައި އޮންނަ އުސޫލުތަކުގެ މިންގަނޑަށް ވެސް ނުފެތޭކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޤާނޫނު އަސާސީއާ ތައާރަޒު ނުވާ އެއްވެސް ޤާނޫނެއް ސްޕްރީމް ކޯޓުން ބާތިލުކުރުމުގެ ބާރު އެ ކޯޓަށް ލިބިދީފައި ނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ކޯޓުތަކުގެ ޤާނޫނުގެ 15 ވަނަ މާއްދާއާއި 42 ވަނަ މާއްދާއާއި ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ސްޕްރީމް ކޯޓުން އަމިއްލައަށް ބާތިލުކޮށް، ޤާނޫނުން ކަނޑައަޅާފައިވާ މުއްދަތުތަކެއް ބަދަލުކޮށް، ސްޕްރީމް ކޯޓުން އަމިއްލައަށް މުއްދަތެއް ކަނޑައަޅައި، ތިން ބާރު ވަކިވެފައި އޮންނަންޖެހޭ ނިޒާމެއްގައި ޤާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެފައިވާކަން ފާހަގަކުރަމެވެ،" އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ، އިސްތިއުނާފުކުރުމުގެ ޙައްޤުފަދަ އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިގެން ނުވާނޭ ކަމަށް ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ އެކަން އެގޮތަށް އޮތްއިރު ސްޕްރީމް ކޯޓުން އިސްތިއުނާފު ކުރުމުގެ ޙައްޤު 10 ދުވަހަށް ހަނިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަމަލުކުރަމުންދިޔަ ޤާނޫނެއް ސްޕްރީމް ކޯޓުން އަމިއްލައަށް ބާތިލުކޮށް، އަލުން ޤާނޫނެއް ފާސްކުރުމަކާ ނުލައިކަން ފާހަގަކުރާ ކަމަށެވެ.