ޑީއާރްޕީގެ ކެންޕެއިން މެޓީރިއަލް ބޭނުންކޮށްގެން ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޕެއިން ކުރެއްވި ކަމަށް ޑީއާރްޕީން ތުހުމަތުކުރި ޕީއޭގެ ކެންޑިޑޭޓު އަހުމަދު ސުލައިމާން މުލަކު ދާއިރާ އޮތޮޅު ކައުންސިލް ގޮނޑިއެއް ކާމިޔާބުކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީއްޖާއިން ދައްކާ ގޮތުން މުލަކު ދާއިރާގެ އަތޮޅު ކައުންސިލަށް ހޮވުނު ތިން މެންބަރުންތެރޭ ދެ ވަނައަށް، ހޮވިފައި ވަނީ ޕީއޭގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލެއްވެވި ކެންޑިޑޭޓް، އަދި ކުރީގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ. އަތޮޅު މެންބަރު އަހުމަދު ސުލައިމާނެވެ. އޭނާ ހޮވުނީ 855 ވޯޓާ އެކު، ޑީއާރްޕީގެ ތިން ކެނޑިޑޭޓުންނާ ވާދަކޮށެވެ. މުލަކު ދާއިރާއިން ޕީއޭއަށް ލިބުނު ގޮނޑިއަކީ، ތާރީހީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޮނޑި އެވެ.
ޑީއާރްޕީން ތުހުމަތު ކުރާ ގޮތުގައި އެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕީއޭގެ ކެންޑިޑޭޓް، އަހުމަދު ސުލައިމާން ޑީއާރްޕީގެ ކެންޕެއިން މެޓީރިއަލް ބޭނުކުރެއްވެވި އެވެ.

އެ މައްސަލައާ ގުޅިގެން ޑީއާރުޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓިގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ ޑީއާރްޕީގެ ލޯގޯ އާއި ނަން ބޭނުންކޮށްގެން ސުލައިމާން ނާޖައިޒް ފައިދާތައް ނަގާފައިވާ ކަމަށެވެ. އެ ގޮތުން ޑީއާރުޕީގެ ލޯގޯ ޖަހާފައިވާ ޕޯސްޓަރު ތަކުގެ މަތީގައި އޭނާގެ ފޮޓޯ ޖަހައިގެން ކެންޕެއިން ކުރައްވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވެފައިވެ އެވެ.

ޑީއާރްޕީން ވަނީ އެ މައްސަލަ ފުލުހުންނަށާއި އިލެކްޝަންސް ކޮމިޝަނަށް މިމަހުގެ އެއްވަނަ ދުވަހު ހުށަހަޅާފަ އެވެ.
ނަމަވެސް އަހުމަދު ސުލައިމާން ސަން އަން މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ ފޮޓޯތައް ޑީއާރްޕީގެ ޕޯސްޓަރުތަކުގައި ޖަހައި، ޑީއާރުޕީގެ ނަމުގައި މުލަކު ދާއިރާއަށް ކުރިމަތިލި ކަމަށް ބުނެ، އަޑު ފަތުރަމުންދަނީ ޑީއާރްޕީގެ މެންބަރުން ކަމަށެވެ. އަދި އެއީ ޕީއޭއިން ކުރާ ކަމެއް ކަމަށް ބުނެ، އަޑު ފަތުރަމުންދަނީ އެ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ޔަގީން ވާތީ، އެ ގޮނޑި ޕީއޭއަށް ގެއްލުވާލުމުގެ ބޭނުމުގައި ކަމަށް އަހުމަދު ސުލައިމާން ވިދާޅުވި އެވެ.

ސުލައިމާން ދެއްވި ރައްދާ ގުޅިގެން ޑީއާރްޕީން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.