14:30


ކޮލެޖްގެ ފެކަލްޓީއަކަށް ކުއްލިއްޔާ ބަދަލުކުރުން އެއީ އިސްލާމް އިލްމު ފޮހެލުމަށްޓަކައި، ފޮރުވިފައިވާ ޕްލޭނެއް ދަށުން ސަރުކާރުން ކުރާ ކަމެއް ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.


ކޮލެޖްގެ ފެކަލްޓީއަކަށް ކުއްލިއްޔާ ބަދަލުކުރުމާ ގުޅިގެން އެކަން ކުއްވެރިކޮށް އާޓިފިޝަން ބީޗްގައި ޑީއާރުޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ވެސް ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ އަރަބި އިސްލާމީ ތައުލީމް އުނގަންނައިދެމުން އައި ކުއްލިއްޔާގެ ތަސައްވަރަކީ އިސްލާމީ ޔުނިވާސިޓީއަކަށް އެ ތަން ބަދަލުވުން ކަމަށެވެ. ނަމަވެސް ސަރުކާރުން އިސްލާމީ އިލްމުގެ ދަންމަރު ނިއްވާލުމަށްޓަކައި ދުރާލައި ރާވައިގެން ހިންގާ ޕްލޭނެއްގެ ދަށުން ކުއްލިއްޔާ ކޮލެޖްގެ ފެކަލްޓީއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކޮލެޖްގެ ފެކަލްޓީއަކަށް ކުއްލިއްޔާ ބަދަލުވިޔަސް ދީނީ ތައުލީމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މި ސަރުކާރުން އިސްލާމް ދީނުގެ ހުކުމްތަކާ ހިލާފަށް ރައްޔިތުންގެ ނުރުހުމުން ކުރާ ކަންތައްތަކުގެ ސަބަބުން އެ ވާހަކަތައް ގަބޫލްނުކުރެވޭނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.


ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމީ އިލްމު އުނގަންނައިދީ، އެ ދީނުގެ އުސޫލްތަކުގައި ދެމިތިބުމަށްޓަކާ ދިވެހި ދަރިންނަށް އުނގަންނައިދިނުމުގެ ދާއިރާގައި މިހާރު ވެސް ހަރަކާތްތެރިވަމުންދަނީ ކުއްލިއްޔާއިން ކިޔެވި ދަރިވަރުން ކަމަށާއި، ނަމަވެސް ސަރުކާރުން މިއަދު އެޅި ފިޔަވަޅުގެ ސަބަބުން މުސްތަގުބަލުގައި އެ މަންޒަރު ފެނިގެން ނުދާނެ ކަމަށެވެ.


ރޭގެ ޖަލްސާގައި ޑރ. އަފްރާޝީމްގެ އިތުރުން ޑީއާރުޕީގެ ބައެއް ޑެޕިއުޑީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާހަކަ ދެއްކެވި އެވެ. އެ ބޭފުޅުންގެ ވާހަކަފުޅުތަކުގައި މި ސަރުކާރަކީ ލާދީނީ ކަންކަމަށް ހިތްވަރުދޭ އެ އުސޫލްތައް ދަމަހައްޓަމުންދާ ސަރުކާރެއް ކަމަށް ތުހުމަތުކުރެއްވި އެވެ.