ސޫރިޔާގެ ރަށަކަށް ބޮން އަޅަމުން ދިޔަ އެގައުމުގެ ސަރުކާރުގެ ހަނގުރާމަމަތީ މަތިންދާބޯޓެއް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވައްޓާލައިފި އެވެ.

ސޫރިޔާ ހަނގުރާމައިގެ ހާލަތު ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ރީފް ދިމިޝްގައި އައިއެސް އިން މަތިންދާބޯޓެއް ވައްޓާލައި އޭގެ ޕައިލެޓް މަރާލާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

ސީރިއާ ޑެއިލީ ނަމަކަށް ކިޔާ ނޫހަކުން ބުނީ މަތިންދާބޯޓް ވައްޓާލާފައި ވަނީ އައިއެސްގެ ބާރުގެ ދަށުގައި އޮތް ބީރް ގަސަބް ނަމަކަށް ކިޔާ އަވަށެއްގެ މަތިން އުދުހެނިކޮށް ކަމަށެވެ. އަދި ބުނީ ވެއްޓުނު ބޯޓުގެ ޕައިލެޓް މަރުވެފައި ވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި އޭނާގެ އައިޑީކާޑުގެ ފޮޓޯއެއް އައިއެސްއަށް ތާއީދުކުރާ މީހުން އާއްމުކޮށްފައިވާ ކަމަށެވެ.

ސޫރިޔާ ސަރުކާރުގެ ވައިގެ ސިފައިން ދަނީ އެގައުމުގެ އެކި ރަށްތަކަށް ކޮންމެ ދުވަހަކުވެސް ބޮން އަޅަމުންނެވެ. އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާއު ކުރުމަށް ކުރަމުން ގެންދާ އެހަނގުރާމައިގައި އެގައުމުން މިހާތަނަށް 200،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ސީރިޔާ ސިފައިންގެ ހަމަލާތަކުގައި މިދިޔަ އަހަރު އެކަނިވެސް 39000 މީހުން މަރުވި ކަމަށާއި އޭގެ ތެރެއިން 32000 މީހުންނަކީ އާއްމުން ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ކުރިން ބުނެފައި ވެއެވެ.