30 Jan 2015, 17:55
ވ. ރަކީދޫގައި ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރާ އޭނާގެ މަންމަ އާފިޔާ މުހައްމަދު ބަންދާމެދު ގޮތެއް ނިންމުމަށް، ވ. ތިނަދުއަށް ގެންދިއުމަށްފަހު، އެނބުރި ފެލިދޫއަށް ގެނައުމުން، ރައްޔިތުންގެ ތެެރެއިން ބަޔަކު ނުކުމެ، އޭނާ އެ ރަށަށް އެރުވުމަށް ދެކޮޅު ހަދައިފި އެވެ.
ރަކީދޫއިން އިއްޔެ ހައްޔަރު ކުރި އާފިޔާ ފެލިދޫ ޕޮލިސް ސްޓޭޝަނަށް ގެނައީ މިއަދު ހަވީރު އެވެ. އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަށުގައި ނޫޅުއްވާތީ، އާފިޔާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫއަށް ގެންދިއުމަށްފަހު އެނބުރި ފެލިދޫއަށް ގެނައުމުން، ރައްޔިތުންތަކެއް ވަނީ އެ ރަށުގެ ބަނދަރު ސަރަހައްދަށް ނުކުމެ، އޭނާ އެ ރަށަށް އެރުވުމަށް ދެކޮޅު ހަދާފަ އެވެ.
ބަނދަރު ސަރަހައްދަށް އެއްވި މީހުން ވަނީ އާފިޔާ އެ ރަށަށް ނޭރުވުމަށް ގޮވައި، އޭނާ ގޮވައިގެން އައި ފުލުހުންގެ ލޯންޗު ދޮށިގަނޑާ ކައިރި ނުކުރުމަށް އަޑު އުފުލާފަ އެވެ. ރައްޔިތުންގެ ދެކޮޅު ހަދަން ފެށުމުން، ފުލުހުންގެ ލޯންޗު ވަނީ ރަކީދޫއަށް ގޮސްފަ އެވެ.

ސީރިއަސް އަނިޔާތަކަކާއެކު އިބްތިހާލް މަރުވެފައި އޮއްވާ ފެނުނީ ވ. ރަކީދޫ މެރިންކޯނާ ގެއިންނެވެ. އިބްތިހާލްގެ ނޭވާލުން ހުއްޓިގެން އުޅޭ ކަމަށް ބުނޭ އޭނާގެ މަންމަ، އަވަށްޓެރިއެއްގެ ގެއަށް ގޮސް އެ ހަބަރު ދިނުމަށްފަހު، އެނބުރު ގެއަށް ދިޔައިރު އިބްތިހާލު އޮތީ މަރުވެފަ އެވެ.
އިބްތިހާލަށް ލިބިފައިވާ ޒަހަމްތަކުގެ ތެރޭގައި އޭނާގެ ކުރިމަތިފަރާރުގެ "އުރަވަޅި" ވަރަށް ބޮޑަށް ވަނީ ދުޅަވެފަ އެވެ. ބެލެވޭ ގޮތުން އެއީ ބާރަށް ޖެހުމުން ވެދާނެ ގޮތެވެ. އަދި އެކަމުގެ ސަބަބުން އަޅާ ވޭން ގަދަވާނެ އެވެ. އިބްތިހާލުގެ ކަންފަތާއި ހަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި ހުއްޓެވެ.