10 Feb 2011, 13:30
ބިޔުޓީ ސެލޫން ތަކާ މަސާޖު ޕާލާގެ ނަންނަމުގައި މާލޭގައި ހިންގާ ބައެއް ތަންތަނުގައި އަނެއްކާވެސް ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަން ފަށާފައި ވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެންއާދަމް ބިލްޑިންގުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނަވާޒް މިއަދު ވިދާޅުވީ، މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު އާންމު ފަރާތްތަކުންވެސް މިހާރު ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ގެންދަނީ އަޅުގަނޑުމެންގެ އިންޓެލިޖެންސް ޑިޕާޓް މެންޓާއި ސީރިއަސް އެންޑް އޮގަނައިޒް ކުރައިމް ޑިޕާޓް މެންޓް ބައިވެރިވެގެން އެކަހަލަ މައުލޫމާތު އެއްކޮށް ހޯދާ އެކަން ކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށްފަހު އެފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން. އަދި ކުރިއަށް އޮތް ތަނުގަ މި ކަހަލަ ކަންތައްތަކައް ފުރުސަތު ހުޅުވާލާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން މިދަނީ އެކަންތައްތައް ވީހާވެސް ބޮޑަށް ކޮންޓްރޯލް ކުރަމުން،" ނަވާޒް ވިދާޅުވި އެވެ.
އެގޮތުން ފުލުހުން މިއަދު ވަނީ މިމަހުގެ ފަސްވަނަ ދުވަހުގެރޭ މ.ކުރަހާގޭގައި ހިންގަމުން ދިޔަ ގްލީޓްޒު ސެލޫންގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް އެތަން ބަންދުކުރި މައްސަލައާ ގުޅޭ މައުލޫމާތު މީޑިޔާއާ ހިއްސާ ކޮށްފަ އެވެ.
ނަވާޒް ވިދާޅުވީ، ދެބުރިއަށް ހަަދައިފައިވާ އެ ސެލޫންއިން 13 މީހަކު ހައްޔަރުކޮށް އެތަނުން ދެ މީހަކު ދޫކޮށްލާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ތައިލެންޑުގެ ހަތަރު އަންހެނަކާއި އެއް ދިވެހި އަންހެނަކުވެސް ހިމެނޭ ކަމަށެވެ. އަދި ސެލޫންގެ ވެރިން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ނަވާޒް ވިދާޅުވީ، އެތަނުން ހަށިވިއްކުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ފައިސާވެސް ފެނިފައިވާކަަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.