ލުއިސް ސުއަރޭޒް ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ބަދަލުވުމުން، މިދިއަ އަހަރުގެ ޓްރާންސްފާ ވިންޑޯގައި 120 މިލިއަން ޔޫރޯ ހޭދަކޮށް އަށް ކުޅުންތެރިން އެ ޓީމްގެ ސްކޮޑަށް އިތުރު ކޮށްފައި ވާއިރު، މި އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި އާ ކުޅުންތެރިންތަކެއް ލިވަޕޫލަށް އައުން ދުރުކަމަށް އެ ޓީމްގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.

ޖެނުއަރީގައި ކުޅުންތެރިން ލިވަޕޫލަށް އިތުރުކުރަން ބޭނުންވެފައި ހުރި ރޮޖާސް ބުނީ އޭބާ ގަބޫލްކުރާ ގޮތުގައި މި ސީޒަން ލިވަޕޫލް ނިންމާލަން ޖެހޭނީ އާ ކުޅުންތެރިން ސްކޮޑަށް އިތުރު ނުކޮށް ކަމަށެވެ.

"ކޮންމެ ކޯޗަކު ވެސް ހުނަވެރި އާ ކުޅުންތެރިންތަކެއް ޓީމަށް ގެންނަން ބޭނުންވާނެ. އަހަރެން ވެސް އެކަން ކުރަން ބޭނުން. ނަމަވެސް އަހަރެން ކުރިން ވެސް ބުނިހެން، މި ޖެނުއަރީގައި ކުޅުންތެރިއަކު ލިވަޕޫލަށް ގެނެވުމަކީ ވަރަށް ނާދިރު. މިހާރު ކަން ދިމާވާ ގޮތުން އެކަން ވާނީ ވެސް އެހެން ކަމަށް ލަފާ ކުރެވެނީ،" ރޮޖާސް ބުންޏެވެ.

މިއަހަރުގެ ޖެނުއަރިގައި އެ ޓީމަށް ކުޅުންތެރިން ގެންނަން ވިސްނާފައި ނުވިނަމަވެސް، އެ ޓީމުގައި އޭނާގެ ޔޫތުކެރިއާ ހޭދަކޮށް 2012 ވަނަ އަހަރުން ފެށިގެން އެ ޓީމްގެ ސީނިއާ ސްކޮޑުގަށް ކުޅުނު ރަހީމް ސްޓާލިންގެ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވާރާތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ބްރެންޑަން ބުންޏެވެ.

"އޭނާ ލިވަޕޫލްގައި ހުރުމާމެދު ހިންހަމަޖެހޭ،" ބްރެންޑަން ބުންޏެވެ. "އެކަން މިހާރު އޮތީ ދެ ފަރާތުގެ ރެޕްރެޒެންޓޭޓިވްސް އަތުގައި"

އޭގެ އިތުރުން ސްޓާލިންގް ލިވަޕޫލްގައި މަޑުކުރާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށް ބުނެ، ގިނަ ދުވަހުގެ މުއްދަކަށް ކޮންޓަރެކްޓް އާ ކުރުމަށް ވާހަކަ ދެކެވެމުންދާ ސްތަލިންގް އެ ކޮންޓްރެކްޓަށް އެއްބަސް ވެއްޖެ ނަމަ އޭނާ ވެގެން ދާނީ ލިވަޕޫލްގައި ހުރި އެންމެ އަގުބޮޑު އެއް ކުޅުންތެރިއާއަށް ކަމަށްވެސް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.

އެންމެ ފަހު ޓްރާންސްފާ ވިންޑޯގައި ލިވަޕޫލަށް ސޮއި ކުރުވި ކުޅުންތެރިންގެ ފެންވަރާ މެދުވެސް އެ ޓީމަށް އަންނަނީ ގިނަ ފާޑު ކިޔުން ތަކަކާ ކުރިމަތި ލަމުންނެވެ. އެފަހަ ލިވަޕޫލަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސައުތޭމްޕްޓަންގެ އެޑަމް ލަލާނާ އާއި ޑިޖަން ލޮވްރެން އާއި ރިކީ ލޭމްބާޓްގެ އިތުރުން ބެނެފިކާގެ ލަޒަރ މާކޮވިކް އާއި މިލާންގެ މާރިއޯ ބަލެޓޮލީ އާއި ސެވިއްލާގެ އެލްބާޓޯ މޮރޭނޯ އަދި ބެޔާ ލިވަކޫސީގެ އެމްރޭ ކާން އެވެ.

މި ސީޒަން ނިމުމަށް ފަހު އެ ޓީމްގެ ލެޖެންޑް ސްޓީވަން ޖެރާޑް ލިވަޕޫލް ދްކޮށްލާނެކަން މިހާރު އޭނަ ޔަގީން ކޮށްދީފައި ވާއިރު، އެޓީމަށް މި ސީޒަންގައި ނެރެވިފައި ވަނީ އެހަ އެދެވިގެންވާ ނަތީޖާތަކެއް ނޫނެވެ. މި ސީޒަންގެ ޗެންޕިއަންސް ލީގާއި ލީގް ކަޕުންވެސް މިހާރު ލިވަޕޫލް ވަނީ ކަޓާފައެވެ.