10 Feb 2011, 12:41
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނިމި ވަގުތީ ނަތީޖާގެ ބޮޑު ބައެއް މި ވަނީ ކަށަވަރު ވެފަ އެވެ. މި ނަތީޖާއިން ލިބޭ ފިލާވަޅުތައް ގިނަ އެވެ. އެންމެ ބޮޑު ފިލާވަޅެއް ލިބެނީ މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބުންނެވެ. މާލޭ ސިޓީ ކައުންސިލަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 58 ޕަސެންޓު މީހުން ވޯޓު ލާން ނުނިކުތީ ކީއްވެތޯ މިއީ ކުރާން ޖެހޭ ސުވާލެކެވެ. އޭގެ ސަބަބުތައް އެނގެން ޖެހެ އެވެ. އެ ސަބަބުތަކަށް ފަރުވާ ކުރާން ޖެހެ އެވެ.
މާލޭގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 40252 އެވެ. މީގެ ތެރެއިން ވޯޓުގައި ބައިވެރިވި މީހުންގެ އަދަދަކީ 17289 އެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 42 ޕަސެންޓެވެ.
މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށެވެ. މި ރަށުގައި ދިރިއުޅޭ މީހުންގެ ހޭލުންތެރިކަން ވެސް ބޮޑު ވާނެ އެވެ. މި ރަށުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ތަޢުލީމީ މީހުން ވެސް ގިނަ ވާނެ އެވެ. ކަންކަން އެނގޭ މީހުން ވެސް ގިނަ ވާނެ އެވެ. އެނގޭ މީހުންނަކީ ވޯޓު ދިނުމުގެ ހައްގުގެ މުހިންމުކަން ވެސް އެނގޭ މީހުން ކަމަށް ގަބޫލު ކުރާން ޖެހެ އެވެ.
އެހެން ނަމަވެސް މާލޭގެ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބައި ވެސް ވޯޓު ދޭން ނުނިކުތީ ކީއްވެތޯ ބަޔަކު ސުވާލު އުފައްދާތީއެއް ނުފެނެ އެވެ. އެއީ ބޮޑު ކަމަކަށް ވެގެން އުޅޭތީއެއް ނުފެނެ އެވެ. ހޮވުނު ބަޔަކަށް އެމީހުން ހޮވުނީމަ އެ ނިމުނީ އެވެ. ނުހޮވުނު މީހުންގެ ވެސް މައްސަލައެއް ނެތެވެ.
މާލޭ ސިޓީ ކައުންސިލަށް ހޮވުނު މީހުންނަށް ލިބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 42 ޕަސެންޓް މީހުންގެ ވޯޓެވެ. މާނަ އަކީ އެ މީހުން ހޮވިފައި އެ ތިބީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތު ވެސް ނުލިބި އެވެ. އެކަމަކު އެއީ އެހެން މައްސަލަ އެކެވެ. އެއީ ރާއްޖޭގައި އިންތިޚާބުތަކުގެ ނަތީޖާ ނެރެން އޮންނަ ގޮތެވެ. ފަންސާސް ހާސް މީހުން ވޯޓު ދޭން ޖެހޭ ތަނެއްގައި 10 މީހުން ވޯޓު ދިނަސް މައްސަލައެއް ނެތެވެ. އެ ވޯޓު ދިން 10 މީހުންގެ ތެރެއިން 6 މީހުންގެ ވޯޓު ލިބޭ މީހާ ހޮވޭނެ އެވެ. އެކަމަކު 49990 މީހުންގެ ބަސް މި އޮތީ ނުއިއްވި އެވެ. އެންމެ ހަމަ ޖެހޭ އުސޫލަކަށް ވާން ޖެހޭނީ މި ފަދަ ބޮޑެތީ އާބާދީތަކުގައި ވަކި އަދަދެއްގެ މީހުން ވޯޓުގައި ބައިވެރި ވެގެން ނޫނީ ނަތީޖާ ނުނެރުމެވެ. އޭރުން ކެންޑިޑޭޓުން ވެސް މީހުން ވޯޓުލާން ނެރުމަށް ބާރު އަޅާނެ އެވެ. ރަސްމީ ފަރާތްތަކުން ވެސް އެ ކަމަށް ހޭލުންތެރިކަން އިތުރު ކުރާނެ އެވެ. މިހާރު މި އޮންނަ ގޮތުން އިންތިޚާބު ނިމުމުން އެއީ ރައްޔިތުންގެ ނިންމުމޭ ބުނީމާ އެއީ ހަމަޖެހޭ ގޮތެއް ކަމަށް ގަބޫލު ކުރެވޭކަށް ނެތެވެ. ރައްޔިތުންނޭ ބުނެވެން ވާނީ ރައްޔިތުންނޭ ބުނާ ވަރުގެ ބައިވެރިވުމެއް އެ ކަމެއްގައި އޮވެގެންނެވެ.
މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބުގައި މީހުން ވޯޓު ދޭން ނުދިޔުމުގައި ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ސަބަބަކީ އިންތިޚާބުގައި ވާދަ ކުރި ކެންޑިޑޭޓުން ކަމު ނުދިޔުމެވެ. ގިނަ އިންތިޚާބުތަކެއްގައި ވާދަ ކޮށް ފޭލި ވުމުގެ ރެކޯޑު އޮތް ބޭފުޅުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ދާއިރާ ތަކުން ފެނިގެން ގޮސްފައިވެ އެވެ. އެއީ މިއަދު ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. އެތައް ފަހަރަކު ރައްޔިތުން ބަލައި ނުގަނެ ދޫކޮށްލާފައިވާ މީހުން އަނެއްކާވެސް އެހެން ލިބާހެއްގައި އެހެން ދިމާ އަކަށް ކުރިމަތި ލިޔަސް އޭނާގެ މާޒީ ފަހަތަކުން ނުނައްޓަ އެވެ. އެކަން ރައްޔިތުން ދަނެ އެވެ. އެކަމާ ރައްޔިތުން ފޫހިވެ އެވެ. ދެވަނަ ކަމަކީ 30 އަހަރުގެ ވެރިކަމެއްގައި ނިމުމުގެ ސިއްކަ ޖެހުމަށް ފަހު ގެނައި ބަދަލުން ހާސިލު ކުރެވުނު މިންވަރެވެ. "ޅަ ރައީސް" އާއި އެކު ހަލުވި ވާނެ ކަމަށް ބެލެވުނު ގައުމުގެ ތަރައްގީގެ ދުވެލި އަދި ވެސް ބަރުހެލި ވެފައި އޮތުމެވެ. ދެ އަހަރު ނިމިގެން ދިޔަ އިރު ފެންނާން ހުރި ކާމިޔާބަށް ވުރެ ހުސް ވައުދުތައް ގިނަ ވުމެވެ. އޮޅުން ބޮޅުންތައް ގިނަ ވުމެވެ. ގައުމު ދުވަހުން ދުވަހަށް ހިންގާން ބޭނުންވާ މަގުތައް ސުޕްރީމް ކޯޓު ތެރެއިން ނޫނީ ކޮށެން ނެތުމެވެ. ވަތަން އެދޭ ގޮތަށް ކަމަށް ބުނެ، ގެނައި ބަދަލުގެ ތެރެއިން ވަތަން ފުނޑުފުނޑު ވަމުން ދިޔުމެވެ. މި ސަބަބު ތަކަށް ޓަކައި ވެރިކަން ކުރާ އެމްޑީޕީ އަށް ކުރި އިތުބާރުގައި ޔަގީން ކަމެއް ނެތުމެވެ. މި ކަމުގައި އިދިކޮޅު ފަރާތްތަކުގެ ޒިންމާ ވެސް އެބަ އޮތެވެ. ދެން އޮތީ ޑީއާރްޕީ އެވެ.
ތިރީސް އަހަރުގެ ވިސްނުމުގެ ތެރެއަށް ދާން ގިނަ ބަޔަކު ބޭނުމެއް ނުވެ އެވެ. އެ ގޮތް އަދި ވެސް ކަމަކު ނުދެ އެވެ. ބަދަލު ގެނައި ސަބަބަކީ އެއީ އެވެ. ގެނައި ބަދަލު ކަމު ނުދިޔުން އެއީ އަދި އެހެން މައްސަލަ އެކެވެ. ވެރިކަން ކުރާ ޕާޓީ އާއި މައި އިދިކޮޅު ޕާޓީގެ ބޭރުން ބަލާއިރު ރަނގަޅު ދިމާއެއް އަދި ފެންނާކަށް ނެތެވެ. އުއްމީދެއް ނެތެވެ.
މި ނޫނަސް ބައެއް ސަބަބުތައް މާލޭ ރައްޔިތުން ވޯޓު ދޭން ނުނިކުތުމުގައި ހިމެނެ އެވެ. އެކަމަކު މައި ސަބަބުތަކަކީ މީ ކަމަށް ގަބޫލު ކުރެވެ އެވެ. މި ސަބަބުތައް އެ މީހުންގެ އުއްމީދުތައް ފަނޑު ކުރީ އެވެ. ހިތްތައް މާޔޫސް ކުރީ އެވެ. ނަފުސުތައް ވަރުބަލި ކުރީ އެވެ. ލޭގައި ޖަހާ ގައުމީ ވިންދުގެ ދިރުން ކުޑަ ކުރީ އެވެ. ވޯޓު ދޭން ނުކުތުމުގެ ރޫހެއް އެ މީހުންގެ ތެރޭގައި ނެތީ އެހެންވެ އެވެ. މީ ސީރިއަސް މައްސަލަ އެކެވެ. ހައްލު ބޭނުންވާ މައްސަލަ އެކެވެ. މިވަރު ބޮޑު އިންތިޚާބެއްގައި ރައްޔިތުންގެ ކުރިމައްޗަށް އެންމެ ބޮޑެތި ޕާޓީތަކުން ހުށަހަޅާ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ އުންމީދުތަކާ ވަރުން އެޅޭވަރުގެ ކެންޑިޑޭޓުންނަށް ވާން ޖެހޭނެއެވެ. ވަކަރަށް ޖަހާޖަހާ ފީވެ ބާހެދިފައިވާ ބަޔަކަށް ވެގެންނެއް ނުވާނެއެވެ. އެހެން ނޫންނަމަ ނުކުންނާނޭ ނަތީޖާއަކީ ޑިމޮކްރަސީގެ މަސައްކަތް ދެކެ ރައްޔިތުން ފޫހިވުމެވެ. މިއީ އަދުގެ ދިވެހި ގައުމަށް ބޭނުންވާ ގޮތެއް ނޫނެވެ.