ބ. އޭދަފުށިގައި މިއަދު ހަވީރު އަތިރިމައްޗަށް މަންމައާއެކު ދިޔަ ތުއްތު ކުއްޖަކު މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް މަންމަ، އެ ކުއްޖާ ސަލާމަތް ކޮށްފި އެވެ.

"ސަން" އާ ވާހަކަދައްކަވަމުން އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ނައުރިފް މިރޭ ވިދާޅުވީ، މޫދަށް ވެއްޓި ގެނބެމުން ދިޔަ ތުއްތު ކުއްޖަކީ ދެ އަހަރު ވެސް ނުވާ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާއާ އޭނާގެ މަންމަ މިއަދު ހަވީރު އަތިރިމައްޗަށް ދިޔައީ އެރަށުގައި ރިވެޓްމަންޓު ޖަހަމުންދާ ސަރަހައްދު ބަލާލުމަށް ކަމަށެވެ.

ނައުރިފް ވިދާޅުވީ މޫދަށް ވެއްޓުނު ނަމަވެސް އެ ތުއްތު ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

"މިއަދު ހަވީރު އެކަމެއް ހިނގީ. ގާތްގަނޑަކަށް އެއީ ހައެއްޖަހާކަންހާއިރު. އެކުއްޖާއާ އޭނާގެ މަންމަ ދިޔައީ މިރަށުގައި ރިވެޓްމަންޓު ހަދާ ސަރަހައްދު ބަލާލުމަށް. ދެން އެހެން ކުޑަކުދިން އެކަހަލަ ތަނަކަށް ދެވިއްޖިއްޔާ ކުޅެ ހަދާނެ ދެއްތޯ.. އެހެން އުޅުމުގެ ތެރޭގައި މޫދާ ދިމާލަށް ދުއްވައިގަތީ. އެ ކުއްޖާ މޫދަށް ވެއްޓުނުތާ މާގިނަ އިރުތަކެއް ވެސް ނުވާނެ. އޭނަގެ މަންމަ ވަރަށް ހުޝިޔާރު،" ނައުރިފް ވިދާޅުވި އެވެ.

ނައުރިފް ވިދާޅުވީ، އެ ރަށުގައި ރިވެޓްމަންޓު ޖަހަމުންދާ ސަރަހައްދަކީ ރައްޔިތުން ދިއުން މަނާކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އަދި އެކަން ވާނީ އާންމުކޮށް އަންގައި އިއުލާންކޮށްފައި ކަމަށް ވެސް ނައުރިފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނީ ބުނެފައި. އެ ސަރަހައްދަށް ގޮސް އުޅުމުން ދިމާވާ ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެ ވާހަކަ،" ނައުރިފް ވިދާޅުވި އެވެ.