ރަކީދޫން: އަހުމަދު ސާއިލް އަލީ އިބްތިހާލް ނޭވާލުން ހުއްޓިފައިވާ ކަމަށް ބުނެ އޭނާގެ މަންމަ، "ތެޅެމުން ފޮޅެމުން" ގޮސް އަވަށްޓެރިއެއްގެ ގެއަށް ވަނެވެ. އެ ގެއަށް ވަދެ، އަންހެނަކު ގޮވައިގެން އިބްތިހާލް ކައިރިއަށް ގެންދިޔަ އެވެ. އެއީ އޭނާ މަރުވެފައި އޮއްވާ ފެނުނު ފުރަތަމަ މީހާ އެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ބަރަހަނާ ހާލުގަ އެވެ. ހަށިގަނޑަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ހުއްޓާ ފެނުނެވެ. އޭރު އިބްތިހާލްގެ ފުރާނައެއް ނެތެވެ. މުހައްމަދު އިބްތިހާލް މަރުވެފައި އޮއްވާ ފެނުނު އަވަށްޓެރިޔާއާ މި ރަށުން އަޅުގަނޑު ބައްދަލު ކުރީމެވެ. އިބްތިހާލް މަރުވެފައި އޮއްވައި ފެނުމުގެ ދެ ގަޑިއެއްހާއިރު ކުރިން އެ އަވަށްޓެރިޔާ އެ ގެއަށް ދިޔަ އެވެ. މި ވާހަކަތައް އޭނާ ކިޔައިދިން އިރު މޫނު މަތިން ފެންނަނީ ހާސްކަމެވެ. ބިރުވެރިކަމެވެ. އޭނާ ބުނާ ގޮތުން މިހާރު ލޮލަކަށް ނިންޖެއް ނާދެ އެވެ. ރޭގަ ވެސް ނުނިދަ އެވެ. "ސަން"އާ ވާހަކަ ދެއްކީ ހަމައެކަނި ނަން ހާމަ ނުކުރުމަށް ޝަރުތުކޮށެވެ. އިބްތިހާލްގެ މަރާ ގުޅޭ ގޮތުން އަވަށްޓެރިޔާ ކިޔައިދިން ވާހަތައް ހިއްސާކޮށްލާނަމެވެ. މި ރަށުގައި އިބްތިހާލު ދިރިއުޅޭ މެރިންކޯނާ ގެއަކީ އޭނާގެ މަންމަ، އާފިޔާގެ ގެއެއް ނޫނެވެ. އެއީ އޭނާގެ މަންމަ ކުއްޔަށް ހިފައިގެން އުޅޭ ގެއެކެވެ. އެ ގެއަށް އެ ރަށު މީހުން އާންމުކޮށް ވަދެ ނޫޅެ އެވެ. ސަބަބުތައް ބައިވަރެވެ. އެ ގެއަކީ އާންމުކޮށް ތަޅުލާފައި ހުންނަ ގެއަކަށް ވުމެވެ. އާފިޔާ ވެސް އަވަށްޓެރިންގެ ގެތަކަށް ވަދެ ނޫޅެތީ އެވެ. ނަމަވެސް އިއްތިފާގަކުން އެ ދުވަހު އަވަށްޓެރިޔާ އަށް އާފިޔާގެ ގެއަށް ވަދެވުނެވެ. އޭރު ހެނދުނު 9:00 ޖަހަން އުޅެނީ އެވެ.

އިބްތިހާލް ދިރިއުޅުނު ވ. ރަކީދޫ، މެރިންކޯނާ ގެ: އިބްތިހާލް މަރުވެފައި އޮއްވައި ފެނުމުގެ ކުރިން އެގެއިން "މަރަށް ތެޅުނު އަޑު އިވުނު ކަމަށް" އެ ގެ ކައިރިން ހިނގާފައި ދިޔަ މީހަކު ބުނި-- ސަން ފޮޓޯ/ އަލީ ނަސީރު

އޭނާ ބުނާ ގޮތުން އޭރު އާފިޔާ އުޅެނީ އެންމެ ހަގު ދަރިފުޅަށް ކާންދޭށެވެ. ކަމެއް ހިނގައިގެން އުޅޭ ކަމެއް އާފިޔާގެ މޫނު މަތިން ފެންނާކަށް އޭރަކު ނެތެވެ. އަދި އިބްތިހާލު ވެސް ފެންނާކަށްް ނެތެވެ. "އަޅުގަނޑު އެގެއަށް ވަދެލީ ސައި ހަދަން ގެއަށް ދިޔަ މަގު މަތިން، އޭރު އާފިޔާ އުޅޭ ކުޑަ ކުއްޖާ [އިބްތިހާލުގެ ކޮއްކޮ]އަށް ކާންދެން، އޭރު އޭނަ ހުރީ ވަރަށް ހަމަޖެހިފައި، އޭރު ގަޑިން ގާތްގަނޑަކަށް 9:00 އެއް ޖަހާނީ، އޭނާ ފެނިފަ ހިޔެއް ނުވޭ އެކަހަލަ ކަމެއް ހިނގައިގެން އުޅޭހެނެއް ވެސް،" އޭނާ ބުންޏެވެ. އެ ގެއަށް ވަދެ "އަނގަތަޅާލާފައި" އޭނާ ދިޔައީ އެވެ. އޭގެ ދެ ގަޑިއިރު ފަހުން 11:00 ޖެހި ފަހުން ތެޅެމުން ފޮޅެމުން އާފިޔާ އަތުވެއްޖެ އެވެ. އަދި ބުނީ މިހެންނެވެ. "އޭ! އޭ! އެ ފިރިހެން ކުއްޖާ ނޭވައެއް ނުލާ. ކިތަންމެ އިރެއް ވެއްޖެ،" އަވަށްޓެރިޔާ ބުންޏެވެ. "އަހަރެން އެގެއަށް ދިއުމުން އާފިޔާ އެ ކުއްޖާ ގެނެސް ސިޓިން ރޫމްގައި ބޭއްވީ، އޭރު އެކުއްޖާ އޮތީ އޮރިޔާމުން، އަހަރެން އެ ކުއްޖާގެ ގައިގައި ފޮތިގަނޑެއް ވެސް އެޅީ،" އޭނާ ބުނާ ގޮތުން އިބްތިހާލް ގައިގައި އަތްލިއިރު ވެސް އިބްތިހާލްގެ ފުރާނައެއް ނެތެވެ. "ފުރާނަ ހުރިއްޔާ ހުންނާނެ ކޮންމެ ވެސް ވަރެއްގެ ހޫނު ކަމެއް، އެކަމަކު އެ ކުއްޖާ ގަޔަކު ނެތް، އެ ކުއްޖާގެ ގައިން އަނިޔާތައް ފެންނަން ހުރި،" ދަރިފުޅުގެ "އުރަވަޅި" ވަރަށް ބޮޑަށް ވަނީ ދުޅަވެފަ އެވެ. ބެލެވޭ ގޮތުން އެއީ ބާރަށް ޖެހުމުން ވެދާނެ ގޮތެވެ. އަދި އެކަމުގެ ސަބަބުން އަޅާ ވޭން ގަދަވާނެ އެވެ. ކަންފަތާއި ކަށިގަނޑުގެ ބައެއް ތަންތަން ނޫފައިގެންފައި ހުއްޓާ އޭނާއަށް ފެނުނެވެ. އެކި ދުވަސްމަތިން ކޮށްފައިވާ އަނިޔާތަކުގެ ލަކުނުތައް ހަށިގަނޑުގައި ހުއްޓެވެ. އިބްތިހާލުގެ ހަށިގަނޑު ފެނުމާ އެކު އަވަހަށް ޑޮކްޓަރުން ގެނައުމަށް އާފިޔާ ކައިރީގައި އޭނަ ބުންޏެވެ. އާފިޔާ ދުއްވައިގަތީ ސިއްހީ މަރުކަޒާ ދިމާލަށެވެ. ދުވެފައި ދަނިކޮށް ހޭނެތިގެން ވެއްޓުނެވެ. ވެއްޓުނީ ސިއްހީ މަރުކަޒު ގޯތި ތެރެއަށެވެ. އޭނާ އެތަނަށް ވެއްޓިފައި އޮއްވައި ސިއްހީ މަރުކަޒު ހިންގަން ހަވާލުވެ ހުރި މީހާއަށް ފެނިގެން، ސިއްހީ މަރުކަޒަށް ވެއްދި އެވެ. އިރުކޮޅަކަށް ހޭއަރައި، "ހޭރެން" ފެށި އެވެ. "މަގޭ ފިރިހެން ދަރި،" މިހެންނެވެ. ގޮވަން ފެށީ އިބްތިހާލަށެވެ. އެކަން ކައުންސިލް އިދާރާއަށް ރިޕޯޓު ކުރީ ސިއްހީ މަރުކަޒު ހިންގަން ހަވާލުވެ ހުރި މީހާ އެވެ. ކައުންސިލް އިދާރާއިން އެގެއަށް ދިޔައިރު މަރުވެފައި އޮތް އިބްތިހާލުގެ ކައިރީގައި އަވަށްޓެރިޔާ ހުއްޓެވެ. އަދި އިބްތިހާލުގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އާފިޔާ އަބަދު ވެސް އިބްތިހާލް ނުބެލޭނެ ކަމަށް އަވަށްޓެރިޔާ ގާތު ބުނެ އެވެ. އޭނާގެ އެހެން ކުދިންނަށް އަޅާލާ ފަދައިން އިބްތިހާލަށް އަޅާނުލާ ކަމަށް ބުނެ އެވެ. "ވަރަށް އަޅާލުން ކުޑަވާނެ، އެ ކުދިންތައް ގެއަށްލައި ތަޅުލާފައި އޭނަ އުޅޭނެ އެތަން މިތަނުގައި ވެސް،" އަވަށްޓެރިޔާ ސަންއާ ހިއްސާ ކުރި ވާހަކަ ނިންމާލީ އެ ޖުމުލައިންނެވެ. މިފަހަރު އެގޭ ދޮށުގައި އުޅޭ އަންހެނެއްގެ ވާހަކަ އެވެ. އެ އަންހެން މީހާ އިބްތިހާލް ދިރިއުޅޭ ގޭ ކައިރިއަށް ދިޔައީ އޭނާ މަރުވެފައި އޮއްވައި ފެނުނުތާ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ. ހިނގާފައި ދަނިކޮށް ގޭގެ ތެރެއިން އިވެން ފެށީ މީހަކު މަރަށް ތެޅޭ އަޑެވެ. އާދަޔާ ހިލާފަށް މީހަކު ނޭވާލާ އަޑުއިވުނު ކަމަށް އޭނާ ބުންޏެވެ. އެއީ ކުޑަ ކުއްޖެއްގެ އަޑެއް ކަމެއް ޔަގީނެއް ނޫނެވެ. އެ އަޑާ އެކު ލިބުނު ހާސްކަމާ އެކު އެ އަންހެން މީހާ ވަނީ އެގެއަށް ވަދެވޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. ސަބަބަކަށް ވީ އެގެ ތަޅުލާފައި ހުރުމެވެ. އާފިޔާ އަށް ވެސް ގޮވި އެވެ. ހިލަމެއް ނުވި އެވެ. ދޮރެއް ނުހުޅުވި އެވެ.

އިބްތިހާލުގެ މަރުގެ ވާހަކަ ރަކީދޫ މީހަކު ސަންއަށް ކިޔައިދެނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ރަށު ރައްޔިތުންނާއި ކައުންސިލުން ވެސް ޔަގީން ކޮށްދޭ ގޮތުގައި އިބްތިހާލަކީ އޭނާގެ މަންމަ އާފިޔާގެ ފަރާތުން އެތައް އަނިޔާއެއް ތަހައްމަލް ކުރަމުން ދިޔަ ކުއްޖެކެވެ. ރަށުގެ ރައްޔިތުން ބުނަނީ އެކަން ހުއްޓުވުމަށް އެތައް ފަހަރަކު ކުއްޖާގެ މަންމަ އާއި ވާހަކަ ދައްކާފައިވާނެ ކަމަށެވެ. ކައުންސިލުން ބުނަނީ އެތައް ފަހަރަކު ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށައަޅާފައިވާނެ ކަމަށެވެ.