ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގޭގެ އަށްވަނަ ފަންގިފިލާ ބަލައި ފާސްކުރިއިރު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވި ނަމަވެސް އެ ތަކެއްޗަކީ ނާޒިމްއާ ގުޅުންހުރި ތަކެއްޗެއް ނޫންކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕްރިމިއާ ޗެމްބަރްސްގެ ފަރާތުން މައުމޫން ހަމީދު ސޮއިކުރައްވައި ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވާ ގެކޮޅުން ފެނިފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ވަހީދު ވިދާޅުވެފައިވާ ތަކެއްޗަކީ ނާޒިމްގެ ވެސް އަދި ނާޒިމްގެ އާއިލާގެ ވެސް ތަކެއްޗެއް ނޫން ކަމަށެވެ.

އަދި އެފަދަ ތަކެއްޗެއް އެތަނުގައި ހުރިނަމަ އެ ހުރިީ ނާޒިމަށް ވެސް އަދި ނާޒިމްގެ އާއިލާ އަށް ވެސް އެނގުމެއް ނެތި ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ފުލުހުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ނާޒިމްގެ ފަރާތްޕުޅުން ލިބިލައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅުދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ގ. އެނިފްގޭގެ އަށްވަނަ ފަންގިފިލާގައިވާ ދެ ފުލެޓް ބަލައި ބަލަފާސްކުރިއިރު، އެ އެޕާޓްމަންޓްގެ "ބީ" އިން ނުވަ މިލިމީޓަރުގެ ފިސްތޯލައަކާއި މެގަޒިންގެ އިތުރުން އެހަތިޔާރާއި ގުޅޭ ތިންވަޒަނާއި ގޮވާތަކެތި ކަމަށް ބެލެވޭ އިމްޕްރޮވައިސް އެކްސްޕްލޯސިވް ޑިވަސްއަކާއި ޕެންޑްރައިވް އެއް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

އެގެއިން ފެނުނު ފިސްތޯލައަކީ މީހެއްގެ ފުރާނަ ދުއްވާލުމުގެ ގާބިލުކަން ލިބިފައިވާ ފިސްތޯލެއް ކަމަށާއި ވަޒަނަކީ ވެސް އެ ފިސްތޯލައިގެ ވަޒަން ކަމަށް ސީޕީ ވިދާޅުވި އެވެ. ސީޕީ ހުސެއިން ވަހީދު ވިދާޅުވީ، އެގެއިން ފެނުނު އެކްސްޕްލޯސިވް ޑިވަސްއަކީ އިތުރު ބައެއް ހިމެނުމަށްފަހު ބޮޑެތި ގެއްލުންތަކެއް ދެވޭފަދަ ގާބިލު ކަމެއް ލިބިގެންވާ އެއްޗެއްގެ ގޮތުގައި ބަދަލު ކުރެވިދާނެ ޑިވައިސް އެއް ކަމަށެވެ. އަދި ޕެންޑްރައިވް ގައި ހުރި ބައެއް މައުލޫމާތަކީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި ފަހިވެފައި ހުރި ބައެއް ކަހަލަ މައުލޫމާތު ހިމެނޭ އެއްޗެއް ކަމަށެވެ.

ސީޕީ ވިދާޅުވީ، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ތަކެތީގެ ވެރިއެއް ސާފުކޮށްދިނުމަށް އެދުމުން ސިފައިންގެއިން އެއްވެސް ވަޒަނެއް ހަތިޔާރެއް މަދުނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށެވެ.