ޑީއާރުޕީގެ ނައިބު ލީޑަރު އިބްރާހީމް ޝަރީފު މިދިޔަ ހޯމަ ދުވަހު ޑީއާރުޕީގެ ޒައީމު މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން ދައްކަވާފައި ވަނީ "ވަރަށް އިހާނެތި ދަށްފެންވަރުގެ ވާހަކަ"ތަކެއް ކަމަށް ވިދާޅުވެ، ޝަރީފާ މެދު ފިޔަވަޅުއަޅުވައި ދެއްވުމަށް އެދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޑީއާރުޕީގެ ލީޑަރަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ފާރިސް ސޮއިކުރައްވައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ފޮނުއްވާފައިވާ ދެ ސަފުހާގެ ސިޓީގައި ވިދާޅުވެފައި ވަނީ އާންމު ބައެއްގެ ތެރޭގައި މައުމޫނަށް ނިސްބަތްކޮށް ޝަރީފު ދައްކަވާފައިވާ ވާހަކަ ޕާޓީގެ ފަރާތުން ކުށްވެރިކޮށް، ޝަރީފާ މެދު އަވަހަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިހެން ނުހައްދަވައި ނަމަ އެއިން ހާމަވެގެން ދަނީ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ނާއިބު ލީޑަރު އިބްރާހީމް ޝަރީފު، ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ޕާޓީގެ ޒައީމު ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާ މެދު މިހާރު ތިއްބެވި ގޮތް ކަމަށް،" ފާރިސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެހެން ކަމާ އެކު ފާރިސް އެދިވަޑައިގެންފައި ވަނީ މައުމޫނަށް ނިސްބަތްކޮށް ޝަރީފު ދެއްކެވި ވާހަކަ ކުއްވެރިކޮށް މީޑިއާ އަށް އިންޓަވިއުއެއް ނުވަތަ ބަޔާނެއް ދެއްވުމަކީ ޕާޓީގެ މަސްލަހަތު ރައްކާތެރި ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.