ތުރުކީ ވިލާތުގައި ބޭއްވި އެންމެ ބޮޑު އެއް ޓޫރިޒަމް ފެއަރ، އީސްޓް މެޑިޓަރޭނިއަން އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރެވަލް ފެއާ (އެމިޓް)ގެ އެންމެ ހިންގުންތެރި ގައުމުގެ އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 25 އަށް ތުރުކީގެ އިސްތަންބޫލުގައި ބޭއްވުނު އެ ފެއާގައި ބައިވެރިވެ، އެންމެ ހިންގުންތެރި ގައުމުގެ އެވޯޑު ރާއްޖެ ހޯދާފައިވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ވާދަކޮށެވެ. އޭގެ ތެރޭގައި ގްރީސް އިންޑިއާ އިޖިޕްޓް ޔަމަން އަދި މެލޭޝިއާ ފަދަ ގައުމުތަށް ހިމެނެ އެެވެ. ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެ ލެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރު އެވެ. މިއީ ރާއްޖެއަށް އެ އެވޯޑު ލިބުނު ދެވަނަ ފަހަރެވެ.

އެވޯޑާ ހަވާލުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ލިރާރު ވިދާޅުވީ، ތުރުކީ ފަތުވެރިންގެ މެދުގައި އެންމެ މަގުބޫލު ގައުމަކަށް ރާއްޖެ ހެދުމުގައި އެމިޓް ފެއާ ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ކަމަށެވެ. އަދި ފެއާގައި ދިވެހި ރާއްޖޭގެ ހުށައެޅުންތަށް ފުރިހަމަ ވެގެން ދަނީ ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ އެހީތެރިކަމާ އެކުކަން ފާހަގަކުރައްވައި ލިރާރުވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ތުރުކީ ވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރު ކުރުމުގެ ގޮތުން، އެމިޓް ފެއާގައި ރާއްޖެއިން ކޮންމެ އަހަރަކުވެސް ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. ވޭތުވެ ދިޔަ 2014 ވަނަ އަހަރު ތުރުކީން ރާއްޖެއަށް 8668 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.