ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފްގެ ފޯން ކޯލެއް ކަމަށް ބުނާ އޯޑިއޯ ކްލިޕްގެ މައްސަލައިގައި ޝަރީފު ޕާޓީން ވަކި ކުރުމަށް އެދި މާލެ އާއި އަތޮޅުތަކުގައިތިބި ޑީއާރްޕީގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރަމުން އެބަދެ އެވެ.

ދެ ބަޔަކަށް ބެހިފައިވާ ޑީއާރްޕީގެ ޒައީމް މައުމޫނަށް ތާއީދު ކުރާ ފަރާތްތަކެއް އިސް ނަގައިގެން އިއްޔެ ހަވީރު ސޮއިކުރަން ފެށި ޕެޓިޝަނުގައި ބުނަނީ ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރަކަށް ހުންނެވި އިބްރާހިމް ޝަރީފް ޕާޓީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްކޮށް ދައްކާފައިވާ ކަމަށް ބުނާ ވާހަކަތައް ހިމެނޭ ފޯންކޯލްގެ މައްސަލައިގައި ޝަރީފުގެ މައްސަލަ ބައްލަވައި އޭނާ ޕާޓީން ވަކި ކުރުމުގެ ފިޔަވަޅު އަޅައި ދިނުމަށް އެދޭ ކަމަށެވެ.

ޝަރީފްގެ ފޯންކޯލެއް ކަމަށް ބުނެ ޓީވީ ޗެނަލަކުން ލީކްކޮށްފައިވާ ފޯންކޯލްގައި ބުނަނީ "މައުމޫން އައްޑުއަށް އަރައިފިނަމަ ތަޅާބާލާނެ" ކަމަށެވެ.

ޝަރީފު އިންކާރުކޮށް ދޮގުކޮށްފައިވާ އެ ކޯލްގެ މައްސަލައިގައި މައުމޫންގެ ސަޕޯޓަރުން ހިތްހަމަ ނުޖެހިގެން ޝަރީފު ޕާޓީން ވަކި ކުރުމަށް އެދި އިއްޔެ ހަވީރުން ފެށިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ މާލޭ ނަސަންދުރައިގަ އެވެ.

ޕެޓިޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑިއާރްޕީގެ އިސް އަންހެން އޮފިޝަލަކު މިވަގުތު ނަން ހާމަ ނުކުރުމަށް އެދި ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން މިހާތަނަށް މާލެއިން 5000 އަށް ވުރެ ގިނަ މީހުން ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ރަށްރަށުން ޕެޓިޝަނުގައި ރޭގެ ނިޔަލަށް ސޮއިކުރި މީހުންގެ އަދަދުތައް އަދި ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ޝަރީފާ މެދު ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރުމަށް އެދޭ ޕެޓިޝަންގައި ސޮއިކުރުން ހަފުތާއަކަށް ކުރިޔަށް ގެންދާނެ ކަމަށާއި ޕެޓިޝަން އަތޮޅުތަކުގައި ހިންގުމަށް މައުމޫންގެ ސަޕޯޓަރުންގެ ޓީމްތަކެއް މާލެއިން ވެސް ދަތުރު ފަށާފައިވާ ކަމަށެވެ.

"ވަރަށް ބާރަށް މިކަން ކުރިޔަށް އެބަދޭ. މިކަމުގައި އިސްކޮށް އުޅެނީ އަންހެން މެންބަރުން،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލު އަދި ވިދާޅުވީ މިރޭ ޕެޓިޝަންގެ ހަރަކާތް މާފަންނު މަދަރުސާގައި ނޫނީ ސްޓާ ސިނަމާ ތިރީގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީފްގެ ކޯލެއް ކަމަށް ބުނާ އޯޑިއޯގެ މައްސަލައިގައި މިދިއަ އަންގާރަ ދުވަހު ވަނީ ޑީއާރްޕީގެ އޮފީސް ކައިރީގައި ހަމަނުޖެހުން ހިންގާ މައުމޫންގެ ސަޕޯޓަރުން ކަމަށް ބުނާ ބަޔަކު ޝަރީފަށް ހަމަލާވެސް ދީފައެވެ. އެ ހާދިސާއާ ގުޅިގެން އެއީ މައުމޫންގެ ބޮޑީގާޑުންނާއި އުމަރު ނަސީރުގެ އެހީތެރިންތަކެއް ކުރި ކަމެއް ކަމަށް ޝަރީފު ސިފަކޮށްފައިވާއިރު ޑީއާރްޕީން ލީޑާޝިޕްން ވަނީ އެ އަމަލު ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.