ވެރިކަން ނިމުމުން ވެސް ހަމަޖެހިލައިގެން ދިރިއުޅަ ނުދޭ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ރާޖަޕަކްސާގެ ފޭސްބުކް ޕޭޖްގައި މިއަދު ލިއުއްވާފައިވާ ދިގު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މީހަކު ނުބައިކޮށް ކަމެއް ކޮށްފައިވާ ނަމަ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ގާއިމްކޮށްފައިވާ އުސޫލުތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުކޮށް ކުރާ ކަމަކީ މީޑިއާގައި ތަފާތު ވާހަތައް ފަތުރަމުންދިއުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ރާޖަޕަކްސާއާއި އާއިލާގެ އެހެން ބޭފުޅުންނާ ބެހޭ ގޮތުން މިހާތަނަށް ކޮށްފައިވާ ބައެއް ބޮޑެތި ތުހުމަތުތައް ދޮގުކުރައްވައި އެކަންކަމާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް އެ ބަޔާނުގައި ލިއުއްވާފައިވެ އެވެ.

އެގޮތުން އިންތިހާބުން ބަލިވެވަޑައިގެންނެވުމުން އަސްކަރީ ބަޣާވާތެއް ކުރައްވަން އުޅުއްވި ކަމަށް ކުރާ ތުމަތު ދޮގު ކުރައްވައި ރާޖަޕަކްސާ ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަ ސިންހަ އާއި ބައްދަލުކުރައްވައި، ރިޔާސީ ގަނޑުވަރު ޓެމްޕަލް ޓްރީސް ދޫކުރައްވައި ވަޑައިގެންނެވީ އިންތިހާބުގެ ނަތީޖާތައް ސާފުވެ ނުވެސް ނިމެނީސް ކަމަށެވެ.

"... ޖެނުއަރީ ނުވަ ވަނަ ދުވަހުގެ ފުރަތަމަ ސާއަތްތަކުގައި އަހަރެން އަސްކަރީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެއާ ހިލާފަށް، (ކަން ހިނގި ގޮތަކީ) އަހަރެން ބަލި ގަބޫލުކޮށް، އޭރުގެ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަ ސިންހައާއި ކަންތައްތަކާ މަޝްވަރާ ކުރުމަށް ފަހު ޓެމްޕަލް ޓްރީސް ދޫކޮށް ދިޔައީ އެންމެ ފަހު ނަތީޖާތައް އިއުލާން ކުރުމުގެ ވެސް ކުރިންނެވެ،" ރާޖަޕަކްސާ ލިއުއްވާފައިވެ އެވެ.

އަދި ލިއުއްވާފައި ވަނީ އެތުހުމަތުތަކާ ގުޅިގެން މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެފައިވާ ބަސްފުޅުތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ. ހަމަޖެހިލައިގެން ދިރިއުޅުއްވިޔަ ނުދޭ ކަމަށް ލިއުއްވާފައި ވަނީ އެއަށް ފަހުގަ އެވެ.

"... މަގާމުން ވަކިވުމަށް ފަހު ވެސް އަހަރެން ހަމަޖެހިގެން ދިރިއުޅުނަ ނުދޭ ވާހަކަ މިބަޔާން ކުރަނީ ފުން ހިތާމައާ އެކުގަ،" އެވެ.

ރާޖަޕަކްސާގެ އާއިލާއިން ޓެމްޕަލް ޓްރީ އިން ނެރެގެން ދެކޮންޓެއިނަރުގައި މުދާ ގެންދިޔަ ކަމަށް ކުރާ ތުހުމަތަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ އެ ދެކޮންޓެއިނަރުގައި މުދާ ހުރީ ކުރީގެ ރައީސަކު ހުންނަވާނެ ތަނެއް ސަރުކާރުން ހަމަޖައްސަންދެން ކަމަށެވެ. އަދި އެފަދަ ތަނެއް ހަމަޖައްސަން ދެން ކޮލަމްބޯގައި ދިރިއުޅޭނެ ތަނެއް ނެތީމާ ކަމަށެވެ.