29 Jan 2015, 15:47
ޕީޕަލްސް ކަޕް 2015ގެ ފައިނަލް މެޗު ފެށުމުގެ ރަސްމިއްޔާތުގައި ރޭ ރާއްޖޭގެ ގައުމީ ޓީމްގެ ކޯޗިންގް ސްޓާފާއި ހެޑް ކޯޗް ރަސްމީކޮށް އިއުލާނު ކުރެވިގެން ދިޔައިރު، ގައުމީ ޓީމްގެ ހެޑް ކޯޗެއްގެ ގޮތުގައި ކަނޑައެޅި ބަލްގޭރިއާގެ ކޯޗް ޕޮޕޯވް ވެލިޒާ ގައުމީ ޓީމްގެ އޯގަނައިޒޭޝަނަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފި އެވެ.
މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕޮޕޯވް ބުނީ އޭނާގެ ފުރަތަމަ އަމާޒަކަށް ވާނީ ގައުމީ ޓީމަށް ހޮވާ ކުޅުންތެރިންގެ ތަމްރީނުތައް އެންމެ މަދުވެގެން ހަފްތާއަކު އެއް ފަހަރު ބޭއްވުން ކަމަށެވެ. އަދި ގައުމީ ޓީމަށް ހޮވާ ކުޅުންތެރިންގެ ވިސްނުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ކުޅުންތެރިން ހޮވުމުގައި އޭނާ ބަލާނެ މިންގަނޑުތަކަށް ވެސް އެ ބައްދަލުވުމުގައި އޭނާ އަލިއަޅުވާލާފައިވެ އެވެ.
"އަހަރެންގެ ފުރަތަމަ އަމާޒަކީ ގައުމީ ޓީމުގެ އޯގަނައިޒޭޝަބންގެ ބައެއް ކަންކަން ބަދަލުކުރުން. ގައުމީ ޓީމަކާ އެކު މަސައްކަތް ކުރަންޏާ އޮފިޝަލް މެޗެއްގެ ފަސްވަރަކަށް ދުވަސް ކުރިން އެ ކުޅުންތެރިންނާ އެކު ތަމްރީނުކުރުން އެއީ ނަތީޖާ ނެރޭވެނެ ގޮތެއް ނޫން. އެންމެ މަދުވެގެން ހަފްތާއަކު އެއްފަހަރު ކުޅުންތެރިންނާއެކު ތަމްރީނު ކުރެވެން ޖެހޭ. އޭގެ އިތުރުން ޑޮމެއްސްޓިކް ލީގުގައި ބައެއް ކުޅުންތެރިންގެ އަމަލުތައް ބަހައްޓާ ގޮތަކީ ގައުމީ ފެންވަރެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން. އެހެން ކަމުން ޓީމަށް ކުޅުންތެރިން ހޮވުމުގައި ވަރަށް ބޮޑަށް އަހުލާގަށް އިސްކަން ދޭނަން. އަދި ގައުމީ ޓީމަށް އަހަރެން ހޮވަން ބޭނުމީ ޕްރޮފެޝަނަލް، ފިޓްނެސް ރަނގަޅު ކުޅުންތެރިން،" ޕޮޕޯވް ބުންޏެވެ.
ޕޮޕޯވް ބުނީ މި ސަރަހައްދުގެ ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ކުޅުންތެރިން ވަރަށް ފެންވަރު ރަނގަޅު ކަމަށާއި، ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ކާމިޔާބީތަކެއް ހޯދިފައި ނުވަނީ ޓީމުގެ އޯގަނައިޒޭޝަން ދަށްވުމުން ކަމަށެވެ.
"މީގެ ކުރިންވެސް އަހަރެން ފާހަގަ ކުރި ފަދައިން، ރާއްޖޭގައި މައްސަލައަކީ ކުޅުންތެރިންގެ ފެންވަރެއް ނޫން. ނިއުރޭޑިއެންޓަށް ފަހު އަހަރެން މެލޭޝިއާ އާއި ތައިލޭންޑް އަދި އޯމާންގަ ވެސް މަސައްކަތް ކޮށްފިން. ރާއްޖޭގެ ކުޅުންތެރިން ތިބީ އެ ގައުމުތަކެކޭ އެއް ފެންވަރެއްގައި ނުވަތަ އެއަށްވުރެ ވެސް ރަނގަޅު ފެންވަރެއްގައި. މައްސަލައަކީ ކުޅުންތެރިންގެ ކޮލިޓީއެއް ނޫން، މައްސަލައަކީ ޓީމް އޯގަނައިޒް ކުރުމުގެ ކޮލިޓީ ދަށްވުން،" ޕޮޕޯވް ބުންޏެވެ.
އެ ބައްދަލުވުމުގައި ޕޮޕޯވް ވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ފެންވަރު ރަނގަޅުކުރަން ބޭނުންވާ ނަމަ ރާއްޖޭގެ ޑޮމެސްޓިކް މުބާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުން އެއީ އެންމެ މުހިންމު އެއް ކަންތައްކަން ފާހަގަކޮށް، ރާއްޖޭގެ ކުޅުންތެރިން ބޭރުގެ ލީގުތަކުގައި ކުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބުނެފަ އެވެ.
"ރާއްޖޭގައި ގައުމީ ޓީމުގެ ފެންވަރު ރަނގަޅުކުރަން ރާއްޖޭގެ ލީގާއި މުބާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ކްލަބުތަކުން ރަނގަޅު ކުޅުންތެރިން އުފައްދަން ބޭނުމިއްޔާ ހަފްތާއަކު އެއްފަހަރު އެ ކްލަބުތަކުން ވާދަވެރި މެޗުތަކެއް ކުޅެން ޖެހޭ. އެއީ ހަމައެކަނި އެއް ކްލަބެއް ދެ ކްލަބެއް އޮވެގެން ވާނެ ކަމެއް ނޫން. އޭގެ އިތުރުން ބަކާމެން އަޝްފާގުމެން ފެންވަރުގެ ކުޅުންތެރިން ބޭރުގެ ލީގުތަކުގައި ކުޅުމަކީ ވެސް މުހިންމު ކަމެއް. އެއީ މި ސަރަހައްދުގެ ލީގުތަކުގައި ވެސް ކޮންމެ ހަފްތާއަކު އެއްފަހަރު ނަމަވެސް އެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިގެން ދާނެ،" ޕޮޕޯވް ބުންޏެވެ.
އޭގެ އިތުރުން ޕޮޕޯވް ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށް އޭނާ ކޮންމެ ދުވަހަކު ވެސް އެ ޓީމްތަކުގެ ތަމްރީނުތަކަށް ދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކްލަބުތަކަށް ވެސް އޭނާގެ ފަރާތުން ވެވެން އޮތް އެހީއެއް ވާނެ ކަމަށާއި އަހަރުތެރޭ ރާއްޖޭގެ ގައުމީ ޓީމަށް ވާދަވެރި ރަހުމަތްތެރި ކަމުގެ މެޗުތަކެއް ކުޅެލަން ފުރުސަތު ހޯދަދޭން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.