ސީރިއަސް ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫން އިއްޔެ ފެނުނު ކުއްޖާގެ މަރުގެ މައްސަލާގައި އިހްމާލުވެފައިވާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން އިއްޔެގެ ތާރީހުގައި ނެރުނު ބަޔާނެއްގައި ބުނީ، ޒަހަމުތަކަކާ އެކު ވަރަށް ކުޑަ ކުއްޖަކު މަރުވެފައި އޮއްވައި ފެނިފައިވުން އެއީ އެ ޕާޓީ އިން އިންތިހާއަށް ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކުޑަ ކުއްޖަކަށް ބޮޑެތި އަނިޔާ ލިބެމުންދާކަން އެނގިތިބެ އެކަން ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާފައިނުވުމަކީ އުޒުރު ދެއްކެން ނެތް ބޮޑު މައްސަލައެއް ކަމުގައި ވެސް އެ ޕާޓީ އިން ބުންޏެވެ.

ޕީޕީއެމް އިން ބުނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ބައްލަވައި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައި އެ ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެ ޕާޓީ އިން އިލްތިމާސް ކުރާ ކަމަށެވެ.