29 Jan 2015, 12:44
އދ. ކުނބުރުދޫގައި މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީ އިން ސްޕީޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކުރައްވާފައި ވަނީ އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަލީ އެވެ. އަދި ސްޕީޑް ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތާ ހަވާލުވި ކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝަރީފެވެ.
ސަރުކާރުގެ ބަޖެޓުގައި 5.4 މިލިއަން ރުފިޔާ ހިމަނައިގެން އަޅާ އެ މިސްކިތުގައި 340 މީހުންނަށް އެއްފަހަރާ ނަމާދު ކުރުމުގެ ޖާގަ ހުންނާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މީގެ ތިން އަހަރު ކުރިން ކުނބުރުދޫ މިސްކިތުން ގަބުރު ފެނުމާ ގުޅިގެން އެ ރަށު ރައްޔިތުން ނަމާދު ކުރަމުން އަންނަނީ އަންހެނުންގެ ނަމާދު ގެއެއްގައި ކަން ކުނބުރުދޫ ކައުންސިލުން ބުނެފައިވެ އެވެ. ކައުންސިލުން ބުނީ ގިނަ ބަޔަކު ނަމާދު ކުރަން ޖެހެނީ މިސްކިތުގެ ބޭރުގައި ކުނަލާއި ސަތަރި ފަދަ ތަކެތި އަޅައިގެން ކަމަށެވެ. އަދި އަލަށް އެޅުމަށް ހަމަޖެހިފައިވާ މިސްކިތާ އެކު ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މިނިސްޓްރީ އިން ސްޕީޑް ކޮންސްޓްރަކްޝަނާ މިސްކިތް އެޅުމުގެ މަސައްކަތް ހަވާލު ކުރުމާއެކު އަމަލީ މަސައްކަތް ހަފްތާއެއްހާ ދުވަސްތެރޭ ފަށާނެ ކަމަށް ސްޕީޑް ކޮންސްޓްރަކްޝަން އިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކުނބުރުދު އަށް ނިސްބަތްވާ މަހިބަދޫ ދައިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއަދަކީ ކުނބުރުދޫގެ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށާއި ރައްޔިތުންގެ އުއްމީދުތަކެއް އައު ވެގެންދާ ދުވަހެއް ކަމަށެވެ.