ށ. ފިރުބައިދޫން ގެއްލިގެން ހޯދަމުން އަންނަ އަބުދުﷲ މާއިލް ހޯދުމަށް ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މާއިލް ގެއްލިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރު ފިރުނބައިދޫ އިން ފުރުމަށްޓަކައި ދަބަސް ހިފައިގެން ގޮނޑުދޮށަށް ފޭބުމަށް ފަހު އެއްގަމަށް އެރި ފަހުންނެވެ. އޭގެ ފަހުން އޭނާ އަށް ވީނުވީއެއް ނޭނގި ގެއްލުނީ އެވެ.

އެއިރު އޭނާ ހުރީ ހުދުކުލައިގެ ގަމީހަކާއި މަޑު މުށި ކުލައިގެ ޖީންސެއް ލައިގެންނެވެ. އަދި ޢަބްދުﷲ މާއިލް އަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ކުރު، މެދުމިނެއްގެ އިސްކޮޅެއް ހުންނަ، ހަށިގަނޑު ހިކިކޮށް ހުންނަ ޒުވާނެކެވެ.

ފުލުހުން ބުނީ މާއިލް ހޯދުމަށް އެ އަތޮޅުގެ ވަރަށް ގިނަ ރަށްތަކެއް ބަލާފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ސިފައިންނާ ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކަމަށް ފުލުހުން ބުނެ އެވެ.

މާއިލް ގެއްލުނު އިރު ދިރިއުޅެމުން ދިޔައީ އޭނާގެ މަންމަގެ ރަށް ކަމަށްވާ ޅައިމަގުގަ އެވެ. އަދި މާއިލާގެ ބައްޕައަކީ ދ. ކުޑަހުވަދޫ މީހެކެވެ.