29 Jan 2015, 11:37
މާލެއިން ފުރައިގެން ފ. ނިލަންދުއަށް ދިޔަ ބޯޓެއް އެ އަތޮޅު ފިލިތެޔޮ ފަރަށް އަރައިފި އެވެ.
ރޭ މާލެއިން ފުރައިގެން ނިލަންދުއަށް ދަތުރު ކުރި "ފަސޭހަ" ބޯޓުގައި ހުރި އަހުމަދު އަލީ ސަން އަށް މައުލޫމާތު ދެމުން ބުނީ އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށެވެ. އަދި ބޯޓުގައި ހުރި މުދަލަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
މީހުންނާއި މުދާ އުފުލާ ފަސޭހަ ބޯޓު ފިލިތެޔޮ ފަރަށް އަރާފައި ވަނީ ރޭ ފަތިހު 5:00 ހާއިރު އެވެ.
އެބޯޓު ފަރަށް އަރާފައި ވަނީ ކައްޕިއަށް ބަލާނުލައި ދުއްވިގެން ކަމަށް ބޯޓުން ދަތުރުކުރި މީހަކު ސަން އަށް މައުލޫމާތު ދެމުން ބުންޏެވެ. އޭނާ ބުނީ ބޯޓުގައި ތިބި ކުޑަކުދިންނާއި އަންހެނުން އެއަތޮޅުގައި އޮންނަ ފެރީއަކަށް އަރުވައިގެން އެމީހުންގެ ރަށްރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މީހުންނާއި މުދާ ބަރުކޮށްގެން ނިލަންދުއަށް ދިޔަ އެބޯޓު ފުންކުރުމުގެ މަސައްކަތް ކޯސްޓުގާޑާއި އެއަތޮޅުގެ ރަށްތަކުގެ ދޯނިފަހަރުތައް މިހާރު އަންނަނީ ކުރަމުން ނެވެ.
އެބޯޓު ފަރަށް އެރިއިރު، ބޯޓުގައި ތިބީ ފ. އަތޮޅުގެ އެކިރަށްތަކަށް ނިސްބަތްވާ މީހުންނެވެ.