ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އުފައްދަން ޖެހޭ ކައުންސިލްތައް އިންތިހާބުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ގޮތުން 500 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވާއިރު އޭގެ ތެރޭގައި "ސީރިއަސް" ޝަކުވާތައް ހިމެނެނީ ވަރަށް މަދުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގައި ލިބިފައިވާ ޝަކުވާތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ކޮމިޝަނުގެ ޑައިރެކްޓާ، ލީގަލް އެފެއާޒް، ހުސެއިން އާމިރު ވިދާޅުވީ، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންގާރަ ދުވަހުގެ ހަވީރު 4:00 ބަންދުވިއިރު، ކޮމިޝަނަށް ގާތްގަނޑަކަށް 515 ޝަކުވާ ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރޭގައި ސީރިއަސް ޝަކުވާތަކެއް ނުހިމެނޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

"ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން ހީކުރިވަރަށް ވުރެވެސް ޝަކުވާތައް މަދު. އަނެއްކާ އައި ޝަކުވާތަކުގެ ސީރިއަސް ކަމަށް ބެލިއިރުގައި ވެސް، އެ ސީރިއަސްކަން ވެސް އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ މަދު،" އިލެކްޝަންސްގެ ކޮމްޕްލެއިންޓްސް ބިއުރޯއާ ހަވާލުވެހުންނެވި އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ސީރިއަސް ޝަކުވާތައް ގޮތުގައި ފާހަގަކުރެވިފައިވަނީ ކެންޑިޑޭޓުންގެ ޝަރުތު ހަމަނުވާ މައްސަލަ ކަމަށާއި ކޮމިޝަނުން ވަނީ އެ ޝަކުވާތަކާ ގުޅިގެން ބަލަން ޖެހޭ މައްސަލަތަށް ބެލުމަށްފަހު، ޝަރުތު ހަމަނުވާ ކަމަށް ފެންނަ ކެންޑިޑޭޓުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައި ކަމަށެވެ.

އާމިރު ވިދާޅުވީ، ގިިނަ ޝަކުވާތައް ލިބިފައިވަނީ އިންތިހާބުގެ ވޯޓް ނެގި ދުވަހު ދިމާވި ކަންކަމާ ގުޅޭ ގޮތުން ކަމަށާއި ނަމަވެސް، އެދުވަހު ލިބުނު ޝަކުވާތައް ވެސް އޭގެ ޒާތުގައި އެހާ ބޮޑު ނޫން ކަމަށެވެ. އަދި އެދުވަހު ހުށަހެޅުނު މައްސަލަތައްވެސް ބެލުމަށްފަހު، ކޮމިޝަނުން ޖަވާބުދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު 300 އަށް ވުރެ ގިނަ ޝަކުވާ މީގެ ތެރެއިން ބެލިފައިވޭ. އެހެންވީމަ، ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުރިހާ ޝަކުވާއެއް ބަލައި އަޅުގަނޑުމެންނަށް ޖަވާބު ދެވޭނެ ކަމަށް ބެލެވޭ،" އާމިރު ވިދާޅުވި އެވެ.
އާމިރު އިތުރަށް ވިދާޅުވީ، އެހީތެރިންގެ މައްސަލައިގައި ވޯޓލީ ދުވަހު ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައި، ވޯޓުލުން މެދުކަނޑާލަން ޖެހުނީ، އެކަމާ ގުޅޭ ޝަކުވާތައް ގިނަވެގެން ނޫން ކަމަށާއި "ޝަކުވާ ކުރި ބޭފުޅުން، ގޮތް ދޫނުކުރުމުގެ އުސޫލު ގެންގުޅުން ގޮތް ބޮޑުކަމުން" ކަމަށެވެ.