29 Jan 2015, 11:20
ސޫރިޔާއަށް ބޮން އަޅަން އުޅުނު އުރުދުންގެ މަތިންދާބޯޓެއް ވައްޓައިލުމަށް ފަހު އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރަހީނުކޮށްފައިވާ ޕައިލެޓް މިނިވަން ކުރުމަށް އައިއެސް އިން ދީފައިވާ މުހުލަތު އިތުރުކޮށްފި އެވެ.
މުއާޒް ކަސަބާ ނަމަކަށް ކިޔާ އުރުދުންގެ އެ ޕައިލޮޓް މިނިވަން ކުރުމުގެ ޝަރުތެއް ކަމަށް އައިއެސް އިން ހުށަހަޅާފައި ވަނީ އުރުދުންގެ ޖަލެއްގައި ހުރި އިރާގު އަންހެނެއްކަމަށްވާ ސާޖިދާ އަލް ރިޝާވީ މިނިވަންކުރުމެވެ. އޭނާ މިނިވަން ކުރުމަށް އައިއެސް އިން ފުރަތަމަ ހުށަހެޅީ އެމީހުން ރަހީނުކޮށްފައިވާ ޖަޕާނު މީހެއް ކަމަށްވާ ކޭންޖީ ގޮތޯގެ ބަދަލުގަ އެވެ.
ނަމަވެސް ސާޖިދާގެ ބަދަލުގައި މުއާޒް މިނިވަން ކުރުމަށް އުރުދުން އިން އިއްޔެ ހުށަހެޅި އެވެ. އައިއެސް އިން އެކަމަށް އެއްބަސްވެފައިވާ ކަމަށާއި އުރުދުން އިން ވެސް ސާޖިދާ މިނިވަން ކުރަން އުޅޭ ކަމަށް އިއްޔެ ހަބަރު ފެތުރުނެވެ. ނަމަވެސް މުއާޒް މިނިވަން ކުރުމުގެ މުހުލަތު މިއަދުގެ އިރު އޮއްސުމާ ހަމައަށް އިތުރުކޮށް އައި އެސް އިން ފަހުން ވަނީ އޯޑިއޯ މެސެޖެއް އާއްމުކޮށްފަ އެވެ.
އިނގިރޭސިބަހުން ކޭންޖީގެ އަޑުން ރެކޯޑްކޮށްފައިވާ ކަމަށް ބެލެވޭ އެ މެސެޖްގައި ބުނެފައި ވަނީ މިއަދު އިރުއޮއްސުމުގެ ކުރިން ތުރުކީއާ ސޫރިޔާ ގުޅޭ ސަރަހައްދީ ރޮނގަށް ސާޖިދާ ނުގެންގޮސްފި ނަމަ މުއާޒް މަރައިލާނެ ކަމަށެވެ.
މުއާޒް މިނިވަން ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވުން އެދި އޭނާގެ ބައްޕަ އުރުދުންގެ ރަސްގެފާނު ޢަބުދުﷲ އާއި އިއްޔެ ބައްދަލުކުރި އެވެ. ރަސްގެފާނު ވިދާޅުވެފައި ވަނީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށެވެ.
އުރުދުންގައި ސާޖިދާ ޖަލަށް ލާފައި ހުރީ އަމިއްލައަށް މަރުވެގެން ހޮޓަލަކަށް ބޮމުގެ ހަމަލާއެއްދޭން އުޅުނުކަމުގެ ކުށުގަ އެވެ. (އޭޕީ)