ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު ކުއްޖާގެ މަރާ ގުޅިގެން އެކުއްޖާގެ މަންމަ ހައްޔަރު ކުރުމަށް އެދި ކްރިމިނަލް ކޯޓުގައި ފުލުހުން އެދެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އަންހެން މީހާ ހައްޔަރު ކުރުމުގެ އަމުރަކަށް މިއަދު ކޯޓުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް އަދި ކޯޓު އަމުރު ފުލުހުންނަށް ލިބިފައެއްނުވެ އެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލު މަރުވެފައި އޮއްވައި ފެނުނީ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި އޮއްވައި އިއްޔެ 11:45 އެހާކަންހާއިރު ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނު އިބްތިހާލުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އަދި އެކުއްޖާއަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ވަނީ ކައުންސިލުން ނަސޭހަތްތެރިވެފަ އެވެ. ތިން އަހަރުގެ އިބްތިހާލުގެ ޝަރުއީ ބައްޕައެއް ނެތް އިރު، އަންހެން މީހާގެ އިތުރު މީހަކާ އިނދެ ދެކުދިން ލިބިފައިވެ އެވެ.