29 Jan 2015, 10:11
މިމަހުގެ 22 ވަނަ ދުވަހު ފެށި ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕްގެ ޗެންޕިއަންކަން މެލޭޝިއާގެ ޕީޑީއާރްއެމް ހޯދައިފި އެވެ.
ޕީޑީއާރްއެމް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ބައްދަލުކޮށް، 5-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ.
ރޭގެ މެޗުގެ ފުރަތަމަ ތިން ލަނޑު ޖަހައި މެޗުގައި ފުރަތަމަ ލީޑު ހޯދީ ޕީޑީއާރްއެމް އެވެ. ޕީޑީއާރްއެމްގެ ފުރަތަމަ ލަނޑު އެ ޓީމްގެ މާލީ ފޯވާޑް ޑްރަމަނޭ ޓްރައުރޭ ކާމިޔާބު ކުރި އިރު، މެޗުގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްުދިނީ އެ ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން މާޒިޔާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ ފަހު 15 މިނެޓުގައި މާޒިޔާގެ ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އިރުފާން އާއި ކެޕްޓަން އަސަދުﷲ އަބްދުﷲ އަދި އަހުމަދު އިމާޒް (އާއްކޮ) އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވެފައި ވުމާ އެކު، މެޗުގައި އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ ދެ ހާފް ވަނީ ކުޅެފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ޕީޑީއާްއެމްގެ ޓްރައުރެ ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމް ވަނީ އަނެއްކާ ވެސް މެޗުގައި ލީޑު ނަގާފަ އެވެ. އަދި އެ ހާފްގައި އަޝްފާގް ވަނީ މެޗުގައި އޭނާ ކާމިޔާބު ކުރި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މެޗުގައި މާޒިޔާގެ ބްރެޒިލް ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް، އެ ޓީމަށް ވަނީ ޕީޑީއާރްއެމްގެ މައްޗަށް ކުރި ހޯދޭގޮތް ނުވެފަ އެވެ.
ރޭގެ މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުޅި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މާޒިޔާގެ ކީޕަރު އަދި ރާއްޖޭގެ ގައުމީ ޓީމްގެ ކީޕަރު އިމްރާން މުހައްމަދު އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުުޅުންތެރިޔާގެ މަގާމް ހޯދީ ޕީޑީއާރްއެމްގެ ޑްރަމަނޭ ޓްރައުރޭ އެވެ.
އެ ހަފްލާގައި އަލީ އަޝްފާގަށް ވަނީ 2014 ވަނަ އަހަރު މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދުމުން އެފްއޭއެމުން އޭނާއަށް ހާއްސަ އެވޯޑެއް ދީފަ އެވެ. އަދި އޭގެ އިތުރުން އެ ހަފްލާގައި ޕީޑީއާރްއެމްގެ ފަރާތުން މާޒިޔާ އަށް ވަނީ އެ ޓީމްގެ ޖާސީއެއް ވެސް ހަދިޔާ ކޮށްފަ އެވެ.