29 Jan 2015, 11:08
ޣައްޒާސިޓީ (ޖަނަވަރީ29): ލުބްނާނުގެ ޝިބްޢާ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އިސްރާއީލު ސިފައިންގެ ގާފިލާއަކަށް ހިޒްބުﷲ ޖަމާއަތުން ކުއްލި ހަމަލާތަކެއްދީ އިސްރާއީލު ސިފައިންގެ ދެމީހުން މަރާލި އަސްކަރީ އޮޕަރޭޝަނަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތަޢްރީފް ކޮށްފި އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް އިސްލާމިކް ޖިހާދު ޖަމާއަތުން ބުނީ ހިޒްބުﷲގެ އަސްކަރީ އޮޕަރޭޝަނަކީ ހިއްވަރު ގަދަ ކަމާއި ޖިހާދުގެ ފުރިހަމަ ނަމޫނާ އަމަލެއް ކަމަށާ އެއޮޕަރޭޝަން ހިންގި ހިޒްބުﷲގެ މުޖާހިދުންނަކީ ބަތަލުން ކަމުގައެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ހަމާސް އިން ބުނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދު ކުރުމުގައި އެޖަމާއަތްވަނީ ހިޒްބުﷲއާ އެކުގައި ކަމުގަ އެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ ހައްގު ހިޒްބުﷲ އަށް ލިބިގެންވާ ކަމަށާ ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ހިންގި ކާމިޔާބު އޮޕަރޭޝަނާމެދު ފަޚްރުވެރިވާ ކަމަށް ވެސް ޙަމާސްގެ ތަރްޖަމާން ސާމީ އަބޫ ޒުހްރީ ވިދާޅުވި އެވެ.
މީގެ އިތުރުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ރައްޔިތުންގެ ކޮމިޓީތަކުން ވެސް ވަނީ ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނަށް މަރްޙަބާ ކިޔައި ހިޒްބުﷲ އަށް ތާއީދުކުރާކަން ހާމަކޮށް ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށްދިން ޙަމަލާތަކަކީ ބުތޫލީ ހަމަލާތަކެއް ކަމަށް ސިފަކޮށްފަ އެވެ.
ހިޒްބުﷲ ގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ހިޒްބުﷲ އަށާއި ލުބްނާނަށް ޙަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރެއް ދެއްވި ނަމަވެސް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ފަހު މަސްރަހު ފިނިކުރަން މަސައްކަތް ކުރާކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ހިޒްބުﷲގެ ބަދަލުހިފުމުގެ ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ ދެމީހުން މަރާލުމުގެ އިތުރުން އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތައް ވެސް ހަލާކުކޮށްލާފައި ވާތީ އިސްރާއީލުގެ ސިފައިންނަށް ވަނީ ކުއްލި ހައިރާންކަމެއްލިބި ބިރުވެރިކަން އިހްސާސްކުރެވިފަ އެވެ.
ހިޒްބުﷲ އަކީ އިސްރާއީލުގެ މައްޗަށް ނަސްރު ހޯދުމުގެ ސަބަބުން މުސްލިމުންގެ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ ޖަމާއަތެކެވެ. ނަމަވެސް ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ ރައީސް ބައްޝާރުލް އަސަދުގެ ދިފާޢުގައި ހަނގުރާމަ ކުރަންފެށުމުން އިސްލާމީ ދުނިޔޭގައި ހިޒްބުﷲގެ ނަން ވަރަށް ބޮޑަށް ހުތުރުވެގެން ގޮސްފައިވެ އެވެ. މިއާއެކު ވެސް އިސްރާއީލާ ދެކޮޅަށް ޖިހާދުކުރުމުގައި ހިޒްބުﷲ ދެމިއޮންނާތީ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުގެ މެދުގައި ހިޒްބުﷲގެ މަގްބޫލުކަން އަދިވެސް ވަރަށް ބޮޑެވެ. ޚާއްސަކޮށް އިސްރާއީލާ ދެކޮޅަށް ހިޒްބުﷲ އިން ހިންގި މިކާމިޔާބު އޮޕަރޭޝަނާ ގުޅިގެން އެޖަމާއަތަށް ފަލަސްތީނުގެ ޢާންމުން ވެސް ގެންދަނީ ތަޢްރީފް ކުރަމުންނެވެ.
ފަލަސްތީނުގެ ޖަމާއަތްތަކުގެ އިތުރުން އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ހަމައެކަނި ޖަމާއަތަކީ ހިޒްބުﷲ ޖަމާއަތެވެ. (ނޫސްއެޖެންސީތައް)