29 Jan 2015, 09:53
އަނިޔާކޮށް މަރާލާފައި އޮއްވައި ވ. ރަކީދޫން ފެނުނު ތިން އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ކުށްވެރިވާ ހުރިހާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ކުޅުނު ޕީޕަލްސް ކަޕުގެ ފައިނަލް މެޗުގައި ޕްރެޒެންޓަރު މެދުވެރިކޮށް ދެއްވި މެސެޖެއްގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ އެފަދަ އަމަލުތަކަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި އަދި ވަކިން ހާއްސަކޮށް ކުޑަ ކުއްޖަކަށް އެފަދަ އިން އަމަލު ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ފައިނަލް މެޗަށް ފަހު، އިބްތިހާލްގެ މަރާ ގުޅިގެން ގަލޮޅު ދަނޑުގައި ރޭ ވަނީ އެއް މިނެޓުގެ ސުކޫތެއް ގެނެސްފަ އެވެ.
އިބްތިހާލުގެ މަރުގެ މައްސަލާގައި އަދިވެސް ޖެންޑާ މިނިސްޓްރީއާ ފުލުހުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެ އެވެ.
ރަކީދޫ ކައުސިލުގެ ރައީސް އާދަމް ސާމީ އިއްޔެ 'ސަން' އަށް ވިދާޅުވީ، މީގެ ކުރިން ވެސް އިބްތިހާލަށް އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އޭނާގެ މަންމަ އާފިޔާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ތަކުރާރުކޮށް އިބްތިހާލަށް އަނިޔާކުރަމުން ގޮސްފައިވާ ކަމަށް ކައުސިލުގެ ރައީސް ވިދާޅުވި އެވެ.
ރަކީދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި އިއްޔެ ފެނުނު ކުއްޖާގެ މަރުގެ މައްސަލާގައި ދައުލަތުގެ އިދާރާއަކުން އިހުމާލުވެފައިވޭތޯ ބަލަމުން ދާކަމަށާއި އިހުމާލުވެފައިވާ ނަމަ ޖިނާއީ ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ މުހުތާޒު އިއްޔެ 'ސަން' އަށް ވިދާޅުވީ، އެ ކުއްޖާގެ މަންމަ އަނިޔާ ކުރި ކަމަށް ބުނެ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވާކަން އެގެން އެބަ އޮތް ކަމަށާއި "އެވަރުގެ ކުއްޖަކަށް އަނިޔާ ކުރުމުން ދެ ވަނަ ފަހަރަށް ކުއްޖާގެ މަންމައާ ހަވާލުކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން" ކަމަށެވެ.