29 Jan 2015, 09:35
ނިޔުޔޯކް (ޖަނަވަރީ29): ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ބަދަލުހިފުމަށް ދިން ކާމިޔާބު ޙަމަލާތަކަށް ފަހު ދެފަރާތުގެ ދެމެދުގައި ބަދަލުކުރި ޙަމަލާތަކުގައި އދ.ގެ ސުލްޙައިގެ ލަޝްކަރުގައި ހިމެނޭ ސްޕޭންގެ މީހަކު މަރުވެފައިވާތީ އެކަން އދ. ގެ ސަލާމަތީ މަޖިލިހުން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ގަޑިން ރޭ ފަތިހު ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ނެރެފައިވާ ބަޔާނެއްގައި ހިޒްބުﷲގެ ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ ދެމީހުން މަރާލިމައްސަލަ ކުށްވެރިކޮށްފައެއް ނުވެ އެވެ. ޙިޒްބުﷲ ގެ ޙަމަލާތައް ކުށްވެރިކުރަން އެމެރިކާ މަސައްކަތްކުރުމުން އެކަމަށް ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުން ދެކޮޅު ހަދާތީ އެމެރިކާއަށް މަޖްބޫރުވީ ހުރިހާ މެންބަރުން ވެސް އެއްބަސްވާ ގޮތަށް އދ.ގެ ސުލްޙައިގެ ލަޝްކަރުގައި ހިމެނޭ ސްޕޭންގެ ސިފައިންގެ މީހާ މަރާލި މައްސަލަ ކުށްވެރިކޮށް ބަޔާން ނެރުމަށެވެ. ސަލާމަތީ މަޖިލީހުން މިފަދަ ކަމެއް ކުށްވެރިކޮށް ބަޔާން ނެރުމަށް އެމަޖިލީހުގެ މެންބަރުންގެ އިއްތިފާގު ބޭނުންވެ އެވެ.
އދ. ގައި ހުންނަވާ ސްޕޭންގެ ސަފީރުވަނީ އިސްރާއީލާއި ލުބްނާނުގެ ސަރަހައްދީ ރޮނގުގައި ހިޒްބުﷲ އާއި އިސްރާއީލުން ބަދަލުކުރި ޙަމަލާތަކުގައި ސްޕޭންގެ މީހާ މަރުވީ އިސްރާއީލު ސިފައިންގެ ބަޑީގެ ޙަމަލާއަކުންކަން ކަށަވަރުކޮށް ދެއްވާފަ އެވެ. އޭނާ ވަނީ އިސްރާއީލުގެ މިއަމަލު މިނިވަންކަމާ އެކު ތަހްގީގް ކޮށްދިނުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައްވާފަ އެވެ.
އިސްރާއީލާއި ލުބްނާނުގެ ސަރަހައްދީ ރޮނގުގައިވާ ލުބްނާނުގެ ޝިބްއާ ސަރަހައްދުން ދަތުރުކުރި އިސްރާއީލު ސިފައިންގެ ގާފިލާއަކަށް ހިޒްބުﷲ އިން ކުއްލި ޙަމަލާއެއްދީ ޔަހޫދީ ސިފައިންގެ އޮފްސަރަކާއި އިތުރު މީހަކު މަރާލުމާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އެދިފައި ވަނީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުންނެވެ. ހިޒްބުﷲ ގެ ޙަމަލާތަކަށް ފަހު އިސްރާއީލު ސިފައިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކުގައި ވެސް ގެއްލުންތައް ބޮޑަށް ލިބިފައިވަނީ އިސްރާއީލަށެވެ. ދެފަރާތުން ބަދަލުކުރި ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ އިތުރު ބަޔަކު ޒަޚަމްވިއިރު އިސްރާއީލުގެ އަސްކަރީ ވެހިކަލްތައް ވެސް ހިޒްބުﷲ ވަނީ އަންދާލާފަ އެވެ.
ދެކުނު ލުބްނާނުގައި ރުކުރުވާލާފައިވާ އދ.ގެ ސުލްހައިގެ ލަޝްކަރުގައި ހިމެނޭ ސްޕޭންގެ ސިފައިންގެ މީހަކު މަރުވީ މިހަމަލާތަކުގަ އެވެ. އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ލުބްނާނުގެ ޝިބްއާ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އިސްރާއީލު ސިފައިންގެ ގާފިލާއަކަށް ހިޒްބުﷲ ޖަމާއަތުން ކުއްލި ހަމަލާތަކެއްދީ އިސްރާއީލު ސިފައިންގެ ދެމީހުން މަރާލާފައި މިވަނީ މިދިޔަ ހަފްތާގައި އިސްރާއީލުން ސޫރިޔާގެ ގޯލާންގެ ސަރަހައްދަށް ކުއްލި ޙަމަލާތަކެއްދީ ހިޒްބުﷲގެ ތިން ކޮމާންޑަރުންނާއި އީރާންގެ ޖެނެރަލަކު މަރާލުމާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ބަދަލުހިފާނެ ކަމުގެ އިންޒާރު ހިޒްބުﷲ އާއި އީރާނުން ދީފައިވަނިކޮށެވެ.
ޝިބްއާ ސަރަހައްދުން ދަތުރުކުރި އިސްރާއީލު ސިފައިންގެ ގާފިލާއަށް ހިޒްބުﷲ އިން ރޭ ކުއްލި ޙަމަލާތަކެއް ދީފައި މިވަނީ އިސްރާއީލުގެ ސިފައިންގެ ހަރަކާތްތަކަށް ޖާސޫސީގޮތުން ފާރަލުމަށް ފަހު ރަނގަނޅު ދަނޑިވަޅެއް ބަލާފައި ކަމަށް ރިޕޯޓްތައްބުނެ އެވެ. ހިޒްބުﷲގެ ބަދަލުހިފުމުގެ ޙަމަލާތަކުގައި އިސްރާއީލު ސިފައިންގެ ދެމީހުން މަރާލުމުގެ އިތުރުން އިސްރާއީލު ސިފައިންގެ ގިނައަދަދެއްގެ އަސްކަރީ އުޅަނދުތައް ވެސް ހަލާކުކޮށްލުމުން އިސްރާއީލަށްވަނީ ކުއްލި ހައިރާން ކަމާއި ބިރުވެރިކަން އިހްސާސްކުރެވިފަ އެވެ. އިސްރާއީލުގެ ސަރުކާރުން ވަނީ ހިޒްބުﷲ ވަރަށް ބޮޑަށް ކުށްވެރިކޮށް އެޖަމާއަތާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސަލާމަތީ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ.
ހިޒްބުﷲގެ ހަމަލާތަކާ ގުޅިގެން އަމިއްލަ ނަފްސުގެ ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށް މިސިޓީގައި އިސްރާއީލު ބުނި ނަމަވެސް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ފަހު މަސްރަހު ފިނިކުރަން މަސައްކަތް ކުރާކަން ހާމަކޮށްފަ އެވެ. ލުބްނާނުގެ ސަރުކާރުންވަނީ ހިޒްބުﷲގެ ޙަލާތައް ދިފާކޮށްފަ އެވެ. ލުބްނާނުގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޒްބުﷲ އިން ޙަމަލާތައް ދީފައި ވަނީ ލުބްނާނުގެ ޝިބްއާގެ ތެރޭން ދަތުރުކުރަމުން ދިޔަ އިސްރާއީލު ސިފައިންގެ ގާފިލާއަކަށް ކަމަށާއި ލުބްނާނުގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެގެންއުޅޭ ބޭރުގެ ސިފައިންނަށް ޙަމަލާތައް ދިނުމުގެ ހައްގު އެގައުމަށް ލިބިގެންވާ ކަމުގަ އެވެ.
ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލުމުގެ ގާބިލްކަން ލިބިފައިވާ ދެޖަމާއަތްކަމުން އެދެޖަމާއަތާ ކުރިމަތިލުމަށް އިސްރާއީލު ވަރަށް ބޮޑަށް ޖެހިލުންވެ އެވެ. އެންމެފަހުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގާ ހަމާސްއާ އެއްގަމު މަގުން ކުރިމަތިލައިގެން އިސްރާއީލަށް އެންމެ ދެދުވަހަކު ނޫނީ ހިފަހައްޓާލެވިފައެއް ނުވެ އެވެ.
އިސްރާއީލަކީ އަރަބި ގައުމުތަކުގެ ނިޒާމީ ސިފައިންގެ ބޮޑެތި ލަޝްކަރުތައް ދެތިންދުވަހުގެ ތެރޭގައި ބަލިކޮށް އަރަބި އެތައް ބިންތަކެއް ގަދަބާރުން ހިފާފައިވާ އިސްތިޢްމާރީ ބާރެކެވެ. ނަމަވެސް ހިޒްބުﷲ އާއި ހަމާސް އާ ޖެހިފައި އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތައްވަނީ ފަހަތަށްޖެހި ނާކާމިޔާބުވެފަ އެވެ. (ނޫސްއެޖެންސީތައް)