ޤާހިރާ : މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި މިސްރުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތައް އެހެން ގޮތަކަށް ބަދަލުވެ ކުރިޔަށްވުރެ ވަރުގަދަވާން ފަށައިފި އެވެ.

މިމުޒާހަރާތަކަށް ސޯޅަ ދުވަސްވެފައިވާއިރު މުޒާހަރާކުރާ މީހުން މިހާރުވަނީ މުބާރަކްގެ ވެރިކަމުގެ މުއައްސަސާތައް ޙިސާރުކޮށް އެމުއައްސަސާތަކުގެ މަސައްކަތް ސުލްޙަވެރިގޮތުގައި ހުއްޓުވަން ފަށައިފަ އެވެ. އެގޮތުން ރައްޔިތުންގެ އެތައް ލައްކަ ބަޔަކު ބޮޑުވަޒީރު އަޙްމަދު ޝަފީޤުގެ އޮފީސް ޙިސާރުކޮށް އެތަނުގެ މަސައްކަތް ހުއްޓުވުމުން އޭނާގެ މަސައްކަތްތައް ވަނީ ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ޢިމާރާތަށް ބަދަލުކޮށްފަ އެވެ. އަދި މުޒާހަރާކުރާ މީހުން މިސްރުގެ ރައްޔިތުންގެ މަޖިލިސްކުރާގެ ވަށާލުމުން މަޖިލީހުގެ ބައެއް މެންބަރުންނާއި މުވައްޒަފުންވަނީ އެތަން ދޫކޮށް ގޮސްފަ އެވެ.

މިސްރުގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަކީ ރައީސް މުބާރަކް ވޯޓު އޮޅުވާލައި މަކަރު ހައްދަވައިގެން ހޮވިފައިވާ ބައެއް ކަމަށް އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ ގިނަބަޔަކު ދެކެ އެވެ. މުޒާހަރާކުރާ ފަރާތްތަކުން ރައީސް މުބާރަކްގެ ގަނޑުވަރުތައް ޙިސާރު ކުރުމުގެ ވިސްނުން ވެސް މިހާރު ގެންގުޅޭ ކަމަށް މުރާސިލުން ބުނެ އެވެ.
ޤާހިރާގެ މައިދާނުއްތަޙްރީރުގަ އާއި މިސްރުގެ އެހެން ރަށްތަކުގެ މަގުތަކުގައި މުބާރަކް ވައްޓާލުމަށް ގޮވާލާ މުޒާހަރާކުރި މީހުންގެ ޢަދަދު ވޭތުވެ ދިޔަ ދެތިން ދުވަހު އިތުރުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި މުބާރަކާ ދެކޮޅަށް ރައްޔިތުން އުތުރިއަރާއެރުން މިހާރުވަނީ މިސްރުގެ ރަށްފުށުގެ ފަގީރު ސަރަޙައްދުތަކާ ހިސާބަށްވެސް ގޮސްފައި ކަމަށް ޚަބަރުލިބެ އެވެ. މުބާރަކާ ދެކޮޅަށް އުތުރިއަރާ ރައްޔިތުންގެ އިސްސަފުގައި ޙަރަކާތްތެރިވާ ޒުވާނުންވަނީ އަންނަ ހުކުރުދުވަހު އާދަޔާޚިލާފު ބޮޑު މުޒާހަރާއެއް ބާއްވައި މުބާރަކް މަޤާމުން ވައްޓާލުމުގެ ދުވަހެއްގެ ގޮތުގައި އެދުވަސް ހެދުމަށް ގޮވާލާފައެވެ.

އަނެއްކޮޅުން މުބާރަކްގެ ވެރިކަން ވައްޓާލުމަށް ރައްޔިތުން ކުރާ މަސައްކަތްތަކާ މުޢާމަލާތް ކުރުމުގައި މިސްރުގެ ނައިބު ރައީސް ޢުމަރު ސުލައިމާނާއި ސިފައިންގެ ޗީފް އޮފް ސްޓާފް އާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ކަމަށް ނޫސްރިޕޯޓްތައް ބުނެއެވެ. މުބާރަކަށް ސިފައިންދޭ އެއްބާރުލުމާއި ތާއީދަށް ގެރެންޓީ ކުޑަވެއްޖެނަމަ ވެރިކަން ދޫކޮށްލެއްވުމަށްފަހު ޤައުމުން ބޭރަށް ފިއްލެވުން ނޫންގޮތެއް އޭނާއަށް ނޯންނާނެ ކަމަށް މުޙައްލިލުން ވިދާޅުވެ އެވެ. (އަލްޖަޒީރާ)