29 Jan 2015, 02:14
ޕީޕަލްސް ކަޕްގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއެޝަނާ ވާދަކޮށް، 4-5ގެ ނަތީޖާއަކުން ޕީޑީއާރްއެމްއަށް މެޗު ކާމިޔާބުކުރެވުނު އިރު، މާޒިޔާއިން ޕީޑީއާރްއެމްގެ އިހުތިރާމް ހޯދައިފިކަމަށް އެޓީމުގެ އެސިސްޓަންޓް ކޯޗް މުހައްމަދު ފައުޒީ ޕިލަސް ބުނެފި އެވެ.
ފައުޒީ ބުނީ، މާޒިޔާގެ ފަރާތުން ފެނިގެން ދިޔަ ކުޅުމަކީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ކަމަށެވެ. އަދި މާޒިޔާގެ ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށާއި، އެ ޓީމަށް ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށްވެސް ފައުޒީ ބުންޏެވެ.
"މިރޭގެ މެޗުގައި މާޒިޔާގެ ފަރާތުން ފެނިގެން ދިޔަ ކުޅުމަށް އަހަރުމެން ވަރަށް ތައުރީފު ކުރަން. އެ ޓީމް ދެއްކީ ވަރަށް ހިތްވަރުގަދަ ކުޅުމެއް. އަދި އެ ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި، ރަނގަޅު މުސްތަގުބަލެއް އޮތް ޓީމެއް. މާޒިޔާ އަހަރެމެންގެ 'ރެސްޕެކްޓް' ހޯދައިފި،" ފައުޒީ ބުންޏެވެ.
ފައުޒީ ބުނީ، މިރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ދިޔައީ ހިތްހަމަޖެހޭ ފަދަ ފުޓްބޯޅައެއް ކަމަށެވެ. އަދި މިރޭގެ މެޗުގައި އަޝްފާގުގެ ފަރާތުން ފެނިގެން ދިޔަ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އޭނާއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން މިރޭގެ މެޗުން އޭނާ އަންގަދީފިކަމަށް ފައުޒީ ބުންޏެވެ.
މިރޭ ކުޅުނު ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގައި ޕީޑީއާރްއެމް ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި މާޒިޔާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު 15 މިނެޓުގައެވެ. އަދި އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފްގައި ޕީޑީއާރްއެމް ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، އެ ޓީމް ވަނީ ފަހަތުން އަރައި އެއް ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-4 އަށް ބަދަލު ކޮށްފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ފައިނަލަކަށް ފަހު މުބާރާތުގެ ޗެންޕިއަންކަން ހޯދި ޕީޑީއާރްއެމްގެ ކޯޗް ފައުޒީ ބުނީ އެ މުބާރާތުން ލިބިގެން ދިޔަ ކާމިޔާބީއަކީ އަންނަ މަހު ފަށާ މެލޭޝިއަން ސުޕަރ ލީގަށް ޕީޑީއާރްއެމް ކުރިމަތިލާއިރު އެ ޓީމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރާ ބެހޭގޮތުން ވާހަކަ ދައްކަމުން ފައުޒީ ބުނީ ބޭރުގެ ލީގުތަކުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިން ރާއްޖޭގައި ތިބި ކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިންނަކީ ވަރަށް ހުނަރު ހުރި ކުޅުންތެރިންކަން ފާހަގަކޮށް، ފައުޒީ ބުނީ އެ ޓީމްގެ ކޯޗިންގް ސްޓާފުން "ރާއްޖޭގެ ދެ ތިން ކުޅުންތެރިއެއްގެ ނަން ނަގާފައި" ވާކަމަށެވެ.
އޭގެ އިތުރުން ފައުޒީ ވަނީ، މި މުބާރާތުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ޕީޑީއާރްއެމްއަށް ލިބުނު ސަޕޯޓު ފާހަގަކޮށް، އެ ޓީމަށް ސަޕޯޓު ކުރި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.