އިސްލާމިކް ސްޓޭޓުން ހައްޔަރުކޮށްފައިވާ ޖޯޑުންގެ ޕައިލެޓް ދޫކޮށްލާ ނަމަ، އިރާގުގެ މިލިޓަންޓް އަންހެން ހަނގުރާމަވެރިޔާ ދޫކޮށްލުމަށް ޖޯޑުން ސަރުކާރުން އެއްބަސްވެއްޖެ އެެވެ.

އުރުދުން ސަރުކާރުގެ ތަރުޖަމާނަކާ ހަވާލާދީ ޗެނަލް ނިއުސް އޭޝިޔާ އިން މިރޭ ބުނީ އިސްލާމިކް ސްޓޭޓްގެ ބެލުމުގެ ދަށުގައި ހުރި އުރުދުންގެ ޕައިލެޓަށް އަނިޔާއެއް ނުކޮށް ދޫކޮށްލާ ނަމަ، އުރުދުންގެ ޖަލުގައި އިން ސާޖިދާ އަލް ރިޝާވީ މިނިވަން ކުރުމަށް އުރުދުން ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

އުރުދުން ސަރުކާރުގެ ސްޓޭޓްމަންގައި އިސްލާމިކް ސްޓޭޓް (އައިއެސް) ބެލުމުގެ ދަށުގައި ހުރި ޖަޕާނުގެ ފްރީލާންސް ނޫސްވެރިޔާ، ކެންޖީ ގޯޓޯގެ ވާހަކައެއް ނާދެ އެވެ. އެކަމަމު އިސްލާމިކް ސްޓޭޓުން ފުރަތަމަ އެދުނީ ޖަޕާނުގެ ނޫސްވެރިޔާ ދޫކޮށްލާނީ އުރުދުންގެ ޖަލުގައި އިން ސާޖިދާ ދޫކޮށްލާ ނަމަ ކަމަށެވެ. ނޫނީ ގޯޓޯ މަރާލާނެ ކަމަށް ވެސް އައިއެސް އިން އިންޒާރު ދިނެވެ.

ޖަޕާނު ސަރުކާރުން ބުނީ އައިއެސްގެ މުހުލަތު ހަމަވާނީ ސިންގަޕޫރު ގަޑިން މިރޭ 10 ޖަހާއިރު ކަމަށެވެ.

އައިއެސް އިން ރަހީނު ކުރި ޖަޕާނު ދެ މީހުންގެ ތެރެއިން އެކަކު ވަނީ ކުރިން މަރާލައިފަ އެވެ.