މި އަހަރުގެ ދިރާސީ އާ އަހަރާ އެކު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި އާ ސްޓްރީމެއްގެ ގޮތުގައި ކިޔަވައިދޭން ފަށާފައިވާ ބީޓެކް ސްޓްރީމުގެ ކޯޑިނޭޓަރުން ތަމްރީންކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

އެޑެކްސެލް ބީޓެކް ސްޓްރީމު ކިޔަވައިދޭން ފަށާފައިވާ އަތޮޅުތަކުގެ ތެރެއިން ހަތަރު އަތޮޅެއްގެ ކޯޑިނޭޓަރުންނާ އެކު އިއްޔެ ކަލާފާނު ސްކޫލުގައި ފެށި ތިން ދުވަހުގެ އެ ތަމްރީން ޕްރޮގްރާމުގައި ހއ، ހދ، ނ، އަދި ރ. އަތޮޅުގައި ބީޓެކް ކިޔަވައިދޭ ސްކޫލްތަކުން 78 ކޯޑިނޭޓަރުން ބައިވެރިވެފައިވެ އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސައިންސާއި ކޮމާސް އަދި އާޓްސް ސްޓްރީމްތަކުގެ އިތުރަށް ތައާރަފް ކުރި ބީޓެކް ސްޓްރީމު މި އަހަރު ތައާރަފްކޮށްފައި ވަނީ މާލޭގެ 11 ސްކޫލެއްގެ އިތުރުން އަތޮޅުތެރޭގެ 51 ސްކޫލެއްގަ އެވެ.

ބީޓެކް ސްޓްރީމް ކިޔަވައިދިނުމުގެ ކުރިން މިދިޔަ އަހަރުގެ ފަހު ޓާމުގައި އެ ސްޓްރީމުގެ ޕައިލެޓް ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ބީޓެކް ސްޓްރީމުގައި ކިޔަވައިދެނީ އަމަލީ ގޮތުން ބައިވެރިވެ އުގެނެންޖެހޭ ކޯސްތަކެކެވެ. އެގޮތުން މި އަހަރު ހަތަރު ކޯހެއް ތައާރަފްކުރި އިރު، އޭގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ބިޔުޓީ ތެރަޕީ އާއި އާޓްސް އެންޑް ޑިޒައިން އަދި ޓްރެވަލް އެންޑް ޓުއަރިޒަމެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބީޓެކް ކޯޑިނޭޓަރެއް ކަމަށްވާ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، ގްރޭޑް އަށަކަށް ތައާރަފްކުރި އެޑެކްސެލް ބީޓެކް ކޯސްތަކަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކިޔަވައިދޭ އޯލެވެލް އާ އެއް ފެންވަރެއްގެ ކޯސްތަކެއް ކަމަށެވެ. އަދި ކޯސް ނިމުމުން އެޑެކްސެލް ޑިޕްލޮމާ ލެވެލް ދޭއްގެ ސެޓްފިކެޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަތޮޅުތަކުގެ ބީޓެކް ކޯޑިނޭޓަރުންނަށް އަމާޒުކޮށްގެން ހިންގާ ޓްރެއިނިން ޕްރޮގްރާމުގެ ދެވަނަ ބުރެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.