ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ތަރައްގީގެ މަޝްރޫއުތަަކަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގައި މުޖުތަމައުއާ ގުޅުންހުރި ނުވަތަ ސީއެސްއާރު ކޮމްޕޯނެންޓް ހިމެނޭ ޕްރޮޕޯސަލްތަކަށް އިސްކަމެއްދެއްވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ މުވާސަލާތީ ކުންފުނި، ދިރާގާއި އެޗްޑީސީއާ ގުޅިގެން ހުޅުމާލޭ ނެއިބާހުޑް ތިނެއްގައި "ޓްރީ ޓަވާ ޕާކު"ގެ ނަމުގައި ހެދި ކުޑަކުދިންގެ ޕާކު ހުޅުވުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، ސީއެސްއާރު ކޮމްޕޯނެންޓްތައް ހިމެނޭ މިންވަރު ބަލައި އެފަދަ ޕްރޮޕޯސަލްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރާނެ ކަމަށެވެ.

"ހުޅުމާލެ ޕްލޭންގައި އެބަހުރި ނޭބާތަކަށް އަމާޒުކޮށް ސޯޝަލް ރެސްޕޯންސިބިލިޓީތަންތައް ތަރައްގީކުރަން. ނަމަވެސް ކޯޕަރޭޓް ބަޖެޓުން އެތަންތައް ތަރައްގީކުރަން އުދަނގޫވާނެ. އެގޮތުން ހުޅުމާލޭގައި ތަރައްގީއަށް ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ހުށަހަޅާ އިރު މުޖުތަމައުއާ ގުޅުންހުރި މިންވަރު ތަންތަން، މިސާލަކަށް ޕާކުތަކާ ކުޅިވަރު ކޯޓުތަކާއި އެރީނާތައް ތަރައްގީކުރަން އިސްކަންދޭ ފަރާތްތަކަށް އިސްކަމެއްދޭނަން،" ސައިމަން 'ސަން' އަށް ވިދާޅުވި އެވެ.

ހުރިހާ އުމުރު ފުރާއަކަށް އުފާވެރި މާހައުލެއް ގެނެސްދޭ ސިޓީއެއްގެ ގޮތަށް ވަކި ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްގީ ކުރަމުން އަންނަ އިރު، އެކަމުގައި ދިރާގު ފަދަ ކުންފުނިތަކުން ބައިވެރިވެ އެހީތެރިކަން ވެދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

"ދިރާގުން ދެއްކެވި މިސާލުން މިސާލު ނަންގަވައިގެން އެހެން ކުންފުނިތަކުން ވެސް އެޗްޑީސީއާ ގުޅިގެން ނަމޫނާ ސިޓީއަކަށް ހުޅުމާލެ ތަރައްގީކުރުމުގެ ބައިވެރިވުމަކީ އެދޭ އެދުމެއް،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގައި ދިރާގުން ޖަހާފައިވާ ޓްރީ ޓަވަރު ސަރަހައްދުގައި ހެދި ޒަމާނީ އެ ޕާކު ހުޅުއްވައިދެއްވީ ދިރާގުގެ ޗީފް އެކްޒެކްޓިވް އިސްލާމިލް ރަޝީދެވެ.

ޕާކު ހުޅުއްވައިދެއްވުމަށް ފަހު ރަޝީދު ވިދާޅުވީ، ހުޅުމާލެ ހިއްކުމަށް ފަހު އެތަނުގައި އެންމެ ފުރަތަމަ ހިދުމަތްދޭން ފެށި ކުންފުންޏަކީ އެ ކުންފުނި ކަމުން ހުޅުމާލޭގެ ތަރައްގީއާ އެ ކުންފުންޏާ ގުޅިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކުންފުނިން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ހުޅުމާލޭން ވެސް ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.