ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް ނިއު ރޭޑީއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯފް ހަމަޖައްސައިފި އެވެ.

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޓިމުގެ ކޯޗިން ސްޓާފުން ރަސްމީކޮށް ތައާރަފްކޮށްދެއްވީ، ކުޅިވަރާބެހޭ ވަޒީރު މުޙައްމަދު މަލީހު ޖަމާލެވެ.

ބަލްގޭރިއާއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ޕޮޕޯވް ވޭތުވެދިޔަ 20 އަހަރު ކޯޗުކަމުގެ ދާއިރާގައި އުޅެފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

ގައުމީ ޓީމުގެ ހެޑް ކޯޗުގެ އިތުރުން ޓީމުގެ އެސިސްޓަނަޓް ކޯޗުންނަށް ހަމަޖައްސާފައި ވަނީ ސާފް ޗެންޕިއަންޝިޕްގައި 2008 ވަނަ އަހަރު ރާއްޖެއަށް ތަށި ހޯދަދިން ގައުމީ ޓީމްގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެވެ. އޭނާގެ އިތުރުން މީގެ ކުރިން މާޒިޔާ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރި އިސްމާއިލް މަހަފޫޒް (އިންމަ)ވެސް ވަނީ ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

އޭގެ އިތުރުން ގައުމީ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި އަބްދުއް ސައްތާރުވެސް ވަނީ ހަމަޖައްސާފައެވެ. އަދި ޓީމުގެ މެޑިކަލް ސްޓާފެއްގެ ގޮތުގައި އަހުމަދު ޝަކީބު ހަމަޖެއްސި އިރު، ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރަކަށް ހަމަޖެއްސީ އަަސްލަމް އަބްދުއް ރަހީމް އެވެ.