ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި މިއަދު ވ. ރަކީދޫ ގެއެއްގެ ތެރޭން ފެނުނު ދެ އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލަ އިންސާނީ ހައްގުގެ ނަޒަރަކުން ތަހުގީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ، އަނިޔާތަކަކާ އެކު މަރުވެފައި އޮށްވާ ފެނުނު ތުއްތު ކުއްޖާގެ މައްސަލަ އިންސާނީ ހައްގުގެ ނަޒަރަކުން އެޗްއާރުސީއެމްގެ މެންޑޭޓުގެ ތެރެއިން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މެންޑޭޓުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަ އަދި ތަހުގީގު ކުރަމުން މިދަނީ. އަޅުނގަޑުމެން ބަލާނަން އެ ކުއްޖާގެ މަރުގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިދާރާއަކުން އިހުމާލުވެފައިވޭތޯ ކިހިނެތްތޯ އެކަންތައް ކުރިއަށްދިޔައީ،" އޭނާ ވިދާޅުވި އެވެ.

މަންމަ ކުރި އަނިޔާގެ ސަބަބުން މަރުވިކަމަށް ބެލެވޭ ދެ އަހަރުގެ އެ ކުއްޖާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި މިއަދުގެ ވަގުތެއްގަ އެވެ. އަދި ފެނުނުއިރު އެ ކުއްޖާގެ ކުރިމަތިފަރާތުގެ "އުރަވަޅި" ވަރަށް ބޮޑަށް ދުޅަވެ، ކުއްޖާގެ ކަނާތް ފަރާތު ކަންފަތުން ބައެއް ވަރަށް ބޮޑަށް ދުޅަވެ، ހުރީ ނޫފައިގެންފަ އެވެ.

އެޗްއާރުސީއެމުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ތޮލާލު މިއަދު ވިދާޅުވީ، އެ ކުޑަކުއްޖާއަށް އަނިޔާކޮށް މަރާލާފައިވާ އިރު، ކަމާ ބެހޭ މުއައްސަސާތަކަށް އެކުއްޖާ ދިރިއުޅެމުން ދިޔައީ ރައްކާތެރި މާހައުލެއްގައި ނޫންކަން އެނގޭ ކަމަށެވެ. އަދި އެކަމާ ބެހޭ މުއައްސަސާތަށް ވެސް ކުއްޖާގެ މަރުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ރަކީދޫ ކައުސިލުގެ ރައީސް އާދަމް ސާމީ މިއަދު 'ސަން' އަށް ވިދާޅުވީ، މީގެ ކުރިން ވެސް އިބްތިހާލަށް އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އޭނާގެ މަންމަ އާފިޔާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ތަކުރާރުކޮށް އިބްތިހާލަށް އަނިޔާކުރަމުން ގޮސްފައިވާ ކަމަށް ކައުސިލުގެ ރައީސް ވިދާޅުވި އެވެ.

ރަކީދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ މިއަދު ފެނުނު ކުއްޖާގެ މަރުގެ މައްސަލާގައި ދައުލަތުގެ އިދާރާއަކުން އިހުމާލުވެފައިވޭތޯ ބަލަމުން ދާކަމަށާއި، އިހުމާލުވެފައިވާނަމަ ޖިނާއީ ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ މުހުތާޒު މިއަދު 'ސަން' އަށް ވިދާޅުވީ، ދަރިފުޅަށް މަންމަ އަނިޔާ ކުރި ކަމަށް ބުނެ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވާކަން އެގެން އެބަ އޮތް ކަމަށާއި "އެވަރުގެ ކުއްޖަކަށް އަނިޔާ ކުރުމުން ދެ ވަނަ ފަހަރަށް ކުއްޖާގެ މަންމައާ ހަވާލުކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން" ކަމަށެވެ.