28 Jan 2015, 20:04
އަނިޔާކޮށް މަރާލާފައި އޮއްވައި ވ. ރަކީދޫން ފެނުނު ތިން އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.
ރަކީދޫ ކައުންސިލްގެ މެމްބަރަކު މިރޭ 'ސަން' އަށް ވިދާޅުވީ، އެ ކުއްޖާގެ ހަށިގަނޑާއެކު ފުލުހުންގެ ތަހުގީގު ޓީމުގެ ބައެއް ބޭފުޅުން އެރަށުން މާލެ ފުރާފައި ވަނީ ހަވީރު 5:45 އެހައިކަންހާއިރު ކަމަށެވެ.
"ފުލުހުންގެ ތަހުގީގު ޓީމް ޑެޑް ބޮޑީއާއެކު މާލެ ފުރާފައި ވަނީ 5:45 ގައި. ފުލުހުންގެ ތަހުގީގު ޓީމާއެކު ޖެންޑާ މިނިސްޓްރީގެ އެއްބޭފުޅަކު ވެސް ވަޑައިގަތް،" ކައުންސިލަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ތަހުގީގު ޓީމެއް އެރަށުގައި ހަރަކާތްތެރިވާއިރު ޖެންޑާ މިނިސްޓްރީގެ ދެ ބޭފުޅަކު ވެސް ހަރަކާތްތެރިވާ ކަމަށެވެ.
އުމުރުން ތިން އަހަރުގެ އެ ކުއްޖާއަށް އަނިޔާކުރީ އެ ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ރަކީދޫ ކައުންސިލުން ބުނިގޮތުގައި އެ ކުއްޖާ ފިޔަވައި އަދި އިތުރު ދެ ކުދިން އެ ކުއްޖާގެ މަންމަގެ ތިބެއެވެ. އެއީ ދެ އަހަރުގެ ފިރިހެން ކުއްޖަކާއި 10 މަހުގެ އަންހެން ކުއްޖެކެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުންނެވެ.