10 Feb 2011, 09:30
އިސްލާމް އާބާދު : ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ސަރުކާރު އިސްތިއުފާ ދީފިއެވެ. ޕާކިސްތާނުގެ ވެރިކަން ކުރާ ކޯލިޝަންގެ ދާއިރާތަކާ ޙަވާލާދީ އެޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނިގޮތުގައި ގީލާނީ ގެ ސަރުކާރު އިސްތިއުފާދިނީ ކެބިނެޓް މެންބަރުން ނުވަތަ ވަޒީރުންގެ ޢަދަދު މަދު ސަރުކާރެއް އުފެއްދުމުގެ ބޭނުމުގަ އެވެ.
އަލަށް އުފައްދާ ސަރުކާރުވެސް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އިސްތިއުފާދެއްވި ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ކަމަށް ޚަބަރުތައް ބުނެއެވެ. ޕާކިސްތާނަކީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް ހިންގާ ޤައުމެކެވެ. އެހެންކަމުން އެޤައުމުގައި އާ ސަރުކާރެއް އެކުލަވާލިނަމަވެސް އެސަރުކާރަށް އިތުބާރުދެވޭފަދަ ބަރުލަމާނީ އަޣްލަބިއްޔަތެއް ވެރިކަންކުރާ ޕީޕަލްސް ޕާޓީގެ ކޯލިޝަނަށް ލިބިފައިވެ އެވެ.
އަލަށް އެކުލަވާލާ ސަރުކާރުގެ ވަޒީރުންގެ ޢަދަދު އިސްތިއުފާދިން ސަރުކާރުގެ ވަޒީރުންގެ ޢަދަދަށްވުރެ ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށާ މިކަމުގެ ބޭނުމަކީ ސިޔާސީ މަޤާމްތައް މަދުކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ކަމަށް ޕީޕަލްސް ޕާޓީގެ ކޯލިޝަނުން ބުނެއެވެ. އިސްތިއުފާދިން ސަރުކާރުގެ ވަޒީރުންގެ ޢަދަދަކީ 54 އެކެވެ. ވަޒީރުންނާއި ވަޒީރުންގެ ނައިބުންނާއި ދައުލަތުގެ ވަޒީރުންގެ ޢަދަދު މަދުކުރުމަކީ އިދިކޮޅު ފަރާތްތަކުގެ އެދުމެކެވެ. (އަލްއާލަމް)